ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އަމިއްލަ ޚަރަދުގައި، ދ. ރިނބުދޫ ސުކޫލުގައި ހަތަރު ކްލާސްރޫމް ގާއިމް ކުރުމަށް ނިންމައިފިއެވެ.
ސިޔާމް މި ކަން ކޮށްދެއްވުމަށް ނިންމަވައިފައިވަނީ ރިނބުދޫ ކައުންސިލްގެ މެންބަރުންނާއެކު މިއަދު ސަން އެކުއާ އިރުވެލި ރިސޯޓުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމެއްގައެވެ.
މިކަމާ ގުޅިގެން ރިނބުދޫ ކައުންސިލްގެ ރައީސް އަހުމަދު އިގްބާލް އަބްދުލްގައްޔޫމް "ސަން"އަށް ވިދާޅުވީ ރިނބުދޫ ސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު މަދުނަމަވެސް ޖާގައިގެ ދަތިކަމަކީ އަބަދު ވެސް ދިމާވާ އެއް މައްސަލަ ކަމަށެވެ. އެގޮތުން މިހާރު ވެސް ކިޔަވައިދެމުން ދަނީ ހުރިހާ ކްލާސްރޫމެއްގައި ވެސް ޕާޓިޝަން ޖަހައިގެން ކަމަށް ވިދާޅުވިއެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު ދިހައަކާ ހަމައަށް ކިޔަވައިދެމުން އަންނަ ރިނބުދޫ ސުކޫލުގައި ކިޔަވަމުން އަންނަނީ 64 ދަރިވަރުން ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ސުކޫލަކީ އަބަދުވެސް ނަތީޖާތަކެއް ނެރެމުން އަންނަ ސުކޫލެއް ކަމަށެވެ.
އިގްބާލް ވިދާޅުވީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރަށަށް މިވަގުތު ބޭނުންވާ ކަންކަން ސިޔާމް އޮޅުން ފިލުއްވި ކަމަށާއި އެގޮތުން ކައުންސިލުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ކްލާސްރޫމްތަކުގެ ޖާގައިގެ މައްސަލަ ކަމަށެވެ.
"ދެން [މެންބަރު ސިޔާމް] ވިދާޅުވި އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް. ހަތަރު ކްލާސްރޫމް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި، އަމިއްލަފުޅަށް،" އިގްބާލް ވިދާޅުވިއެވެ.
ސުކޫލުގެ މައްސަލައިގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން އެންބިއުލާންސެެއް ހޯއްދައިދެއްވުމަށް ސަރުކާރުން މެދުވެރިކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ ރަށުގައި އިތުރު މިސްކިތެއް ގާއިމްކޮށްދެއްވުމަށް ވެސް ރިނބުދޫ ކައުންސިލުން ވަނީ އެ ދާއިރާގެ މެންބަރުގެ އަރިހު އެދިވަޑައިގެންފައެވެ. އިގްބާލް ވިދާޅުވީ ރަށުގައި މިވަގުތު ހުރީ އެންމެ މިސްކިތެއް ކަމަށާއި ރޯދަ މަހު މިސްކިތަށް ޖާގައިގެ ދަތިކަން ކުރިމަތިވަމުން ދާ ކަމަށެވެ.
"މިވަގުތުން ވަގުތުން ނޫނަސް އެކަމަށް ވިސްނަވާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި. މެންބަރު ސިޔާމްއަކީ އަބަދުވެސް އެކަހަލަ ކަންކަމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެއް ކަން ހަމަ ފާހަގަކޮށްލަން ޖެހޭ،" އިބްގާލް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ޖިމެއް ގާއިމްކުރުމުގެ އިތުރުން ދާއިރާގެ އެހެން ރަށްތަކުގައި ސިޔާމް ބާއްވަމުން އަންނަ މުބާރާތްތައް 2022 ވަނަ އަހަރުގެ ތެރޭގައި އެ ރަށުގައި ވެސް ބާއްވައިދެއްވާނެ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ 2019 ވަނަ އަހަރު މަސައްކަތް ފަށައިފައިވާ، އެރަށު އިރުމަތީ ފަރާތު ޖެޓީގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ރަށަށް ބޭނުންވާ ކޮންމެ ކަމެއް ވެސް ކޮށްދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާތީ އެކަންކަން ބަލައިގަނެ، ޝުކުރު އަދާކޮށްލަން ބޭނުންވޭ މެންބަރަށް، ކައުންސިލްގެ ނަމުގަ އަދި ރައްޔިތުންގެ ނަމުގައި،" އިގްބާލް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ސިޔާމް ވަނީ ރިނބުދޫ ސުކޫލަށް ބޭނުންވާ ކްލާސްރޫމްތަކެއް އަމިއްލަ ހަރަދުގައި ބިނާކޮށްދެއްވައިފައެވެ. އަދި އެ ރަށުގައި ބަނދަރު ހެދުމުގެ ކުރިން އެ ރަށު ރައްޔިތުން ބޭނުން ކުރަމުން އައި ތޮށިގަނޑު ޖެހުމަށް ވެސް ބޮޑު އެހީތެރިކަމެއް ވެދެއްވައިފައިވެއެވެ.