ބިކިނީގައި ފަތުރުވެރިން އުޅޭތީ ތޮއްޑޫ ކައުންސިލުން ހޭލުންތެރިކުރަނީ

އއ. ތޮއްޑޫ

އއ. ތޮއްޑޫގައި ފަތުރުވެރިން ބިކިނީގައި ރަށުތެރޭގައި އުޅެމުންދާތީ އެރަށު ކައުންސިލުން ފަތުރުވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފައްޓައިފިއެވެ.

ތޮއްޑޫއަކީ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ރަށެކެވެ. މިވަގުތު އެ ރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ 47 ގެސްޓް ހައުސްއެއް އެބަހުއްޓެެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް "ސަން"އަށް ވިދާޅުވީ ރަށުތެރޭގައި ފަތުރުވެރިން ބިކިނީގައި އުޅޭކަމުގެ ޝަކުވާ ދެ ފަހަރެއްގެމަތިން އެ ކައުންސިލަށް މި ދައުރުގައި ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރު ގިނަ ފަތުރުވެރިން ރަށަށް އަރާނެ ކަމަށް ބެލެވޭތީ ކައުންސިލުން ދުރާލާ ރާވައިގެން ފަތުރުވެރިން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

"ފަތުރުވެރިން ގިނަ އަދަދަކަށް އާހަރަށް އަންނާނެކަމަށް ލަފާކުރެވޭތީ އަޅުގަނޑުމެން އުޅުނީ ޑިސެމްބަރު އަންނަންވާއިރަށް ބައެއް މަސައްކަތްތައް ކޮށް ނިމާފައި ބަހައްޓަން،" ކަރަމް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ގެންދާ މަސައްކަތަކީ ފަތުރުވެރިން ރަށަށް އައުމާއެކު ހެދުން އެޅުމުގެ މިންގަނޑު އެ މީހުންނަށް ކިޔައިދިނުމަށް ގެސްޓްހައުސްތަކުގެ ވެރިންނަށް ބާރުއެޅުން ކަމަށް ކަރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިން ގިނައިން އުޅޭ ސަރަހައްދު ތަކުގައި ކައުންސިލްގެ ނޯޓިސް ތަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ނަސޭހަތްތެރިވުމަށް ޚާއްސަ މުވައްޒަފަކު ނެގުމަށް ވެސް ތޮއްޑޫ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިން ރަށަށް އެތެރެވުމާއެކު ރަށުގައި އުޅެންވީގޮތް އެނގޭނެ ލުއި ފޮތެއް އެ މީހުންނަށް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ ބިކިނީގައި ފަތުރުވެރިން ރަށުތެރޭގައި އުޅުމަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި އަލަށް ތައާރަފް ކޮށްފައިވާ ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުންވެސް މިފަދަ މައްސަލަތައް ކުރިމަތި ވެދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި ހޯމް ސްޓޭ އިފްތިތާހުކޮށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ރިވެތި ސިފަތަކަށް އަސަރު ކޮށްފާނެ ކަމެއްކަމަށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ގޮވާލަމުންނެވެ.

އެގޮތުން ޖަމިއްޔަތުއް ސަލަތުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

comment ކޮމެންޓް