އަމިއްލަ ދެ ކުންފުނިން ތެޔޮ ހުސްވެ، އެފްއެސްއެމްއިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތެޔޮ ވިއްކާ އަމިއްލަ ދެ ކުންފުނިން ތެޔޮ ހުސްވެ، ފިއުލް އެންޑް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "ސަން"އަށް ވިދާޅުވީ، ތެޔޮ އެތެރެކުރާ ދެ ކުންފުނިން ތެޔޮ ހުސްވެފައި ވާކަމަށެވެ.

އަމިއްލަ ކުންފުނި ތަކުގެ ގޮތުގައި ތެޔޮ ވިއްކަމުން ދަނީ ވިލާ ކުންފުންޏާއި ހޯކްސް އިންނެވެ.

"މިވަގުތު އެސްޓީއޯ ފިޔަވައި އަނެއް ދެ ޕާޓީން އެމީހުންގެ ޕެޓްރޯލު ސްޓޮކް ހުސްވެގެން، އެ ފަރާތްތަކުން ގަންނަމުން އައި ހުރިހާ ކަސްޓަމަރުން މިހާރު އެފްއެސްއެމް އަތުން ގަންނަމުން ދަނީ،" ގަސަމް ވިދާޅުވިއެވެ.

އެސްޓީއޯއިން ތެޔޮ ދޫކުރަނީ އަބަދުވެސް ވަކި ވަރަކަށް ކަމަށް ވެފައި، އެހެން ތަންތަނުން ހިދުމަތް ހޯދާ މީހުން އެއްފަހަރާ އެފްއެސްއެމްއިން ހިދުމަތް ހޯދަން ފެށުމުން، ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކުރީ ކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ ޕެޓްރޯލް ކޮންޓްރޯލް ކޮށްގެން ވިއްކާތާ ދެތިިން ދުވަސް ވެއްޖެ ކަމަށާއި، އެ ދެ ކުންފުނިން ތެޔޮ ލިބެންދެން އެފްއެސްއެމް އިން ވިއްކާނީ ލިމިޓް ކޮށްގެން ކަމަށެވެ.

"ތެޔޮ ހުސްވެފަ ހުރި ފަރާތްތަކަށް ތެޔޮ އެބަ ލިބޭ މި މަހުގެ ހަތް ވަނަ ދުވަހު. އެހެންވެ ކުރިއަށް އޮތް ހަތަރު، ފަސް ވަރަކަށް ދުވަސް ތެރޭގަ މިކަމަށް ހައްލެއް އަންނާނެ ކަމަށް މި ބެލެވެނީ،" ގަސަމް ވިދާޅުވިއެވެ.

މީގެ އިތުރުން ގަސަމް ވިދާޅުވީ، ކޮންޓްރޯލް ކޮށްގެން ވިއްކަނީ ހަމައެކަނި ޕެޓްރޯލް ކަމަށާއި، ޑީސަލް ވިއްކުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާ ކަމަށެވެ.

comment ކޮމެންޓް