ފުޓުބޯޅަ ރަސްގެފާނު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ލިއޮނަލް މެސީ

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތް ފަހަރަށް ހޯދާފައިވާ ފުޓުބޯޅައިގެ ރަސްގެފާނު ލިއޮނަލް މެސީ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕީއެސްޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީގެ އިތުރުން އެ ކްލަބްގެ ހޫލިއަން ބާނަޓް އާއި ނޭތަން ބިޓުމަޒާލާ އާއި ގޯލްކީޕަރު ސާޖިއޯ ރިކޯ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ފްރެންޗު ލީގުގައި ޕީއެސްޖީން ވަނެސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. އަދި އެ މެޗުގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އެ ކުޅުންތެރިންނަށް ފަރުވާ ހޯދުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރެވެމުން އަންނަ ކަމަށް ވެސް ޕީއެސްޖީން ބުނެފައިވެއެވެ. އެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފިނި މޫސުމުގެ ބްރޭކަށް ކުޅުންތެރިން ޗުއްޓީއަށް ގޮސްފައި އެނބުރި އައިއިރުގައި ކަމަށް ބެލެވެއެވެ.

އާޖެންޓީނާގެ ތަރި މެސީ ވަނީ ޗެމްޕިއަންސް ލީގުގެ ހަ މެޗުގައި ފަސް ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައެވެ. ފަސް ފަހަރަށް ގޯލްޑަން ބޫޓު ހޯދި މެސީ ވަނީ އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާގައި އާޖެންޓީނާއަށް ތަށި ކާމިޔާބުކޮށްދީ ދެކުނު އެމެރިކާގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޕެލޭގެ ރެކޯޑް 79 ގޯލާއެކު މުގުރާލައިފައެވެ. ކްލަބް ބްރޫޖްއާ ބައްދަލުކުރި މެޗުގައި މެސީ ވަނީ 758 ވަނަ ގޯލު ޖަހާ ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލައިފައެވެ.

ފުޓުބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގަައި ދުނިޔޭގެ އެތައް ރެކޯޑެއް މުގުރާލައިފަވެ. ބާސާގައި ހޭދަކުރި ދުވަސަތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު އަދި 2020-21 ވަނަ އަހަރުގެ ކޮޕަ ޑެލް ރޭ ހިމެނެއެވެ.

މެސީގެ އިތުރުން ޕީއެސްޖީގެ މޮޅު ފޯވާޑް ނޭމާ ޖޫނިއާ ވެސް ވަނީ އިންޖަރީވެފައެވެ. އޭނާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ބްރެޒިލުގައި ޕީއެސްޖީގެ މެޑިކަލް ސްޓާފުންނާއެކު ފަރުވާ ދެމުން ގެންދާ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް