ހުރާ ކުޅި ހިމާޔަތްކުރަން ހަތް ލައްކަ ރުފިޔާ ދެނީ

ކ. ހުރާ --- ފޮޓޯ: ބުކިންގ.ކޮމް

ކ. ހުރާގެ ކުޅި ހިމާޔަތް ކުރުމަށްޓަކައި ކުރަން ހުރި ކަންކަން ނިންމުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހުރާ ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު "ސަން" އަށް ވިދާޅުވީ އެ އެމްއޯޔޫ އަކީ، މީގެ ކުރިން ދޭން އެއްބަސްވެފައިވާ ހަތް ލައްކަ ރުފިޔާ ހަވާލު ކުރުމަށް ހެދި އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރު ޔޫއެންޑީޕީ ފަންޑަކުން އެ ފައިސާ ދޭން އެއްބަސްވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ފައިސާ ކައުންސިލާ ހަވާލު ނުކުރެވި ދިގުލައިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރާގެ ކުޅި ތަރައްގީކުރަން ދޭން ހަމަޖެހިފައިވާ މި އެހީގެ އެމްއޯޔޫގައި ސޮއި ކުރެވުނު ނަމަވެސް، އެ ފައިސާ ކައުންސިލަށް ލިބޭނީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭކަމަށް އީސަ ވިދާޅުވިއެވެ.

ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ މީހުން ރާއްޖެ އަންނަ އިރު އާންމުކޮށް ހުރާގެ ކުޅިއަށް ޒިޔާރަތް ކުރާކަން ފާހަގަ ކުރައްވަމުން އީސަ ވިދާޅުވީ، ކުޅި ތަރައްގީ ކުރުމަށް ފަންޑު ހޯދަން މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ.

އީސަ ވިދާޅުވީ އެމްޓީސީސީން ހުރާގެ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ކުޅި ސާފުކޮށް، ފުންވެސް ކޮށްފައި ވާނެ ކަމަށެވެ.

ކ. އަތޮޅުގައި އޮންނަ ހަމައެކަނި ކުޅިއަކީ ހުރާގައި އޮންނަ ކުޅިއެވެ.

comment ކޮމެންޓް