ރޭގެ މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ޓުޗެލް ނުރުހުން ފާޅުކޮށްފި

ތޯމަސް ޓުޗެލް ރޭގެ މެޗަށްފަހު ވާހަކަދައްކަނީ ---

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ރެފްރީ މައިކް ޑީންގެ ބައެެއް ނިންމުންތަކާ މެދު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ނުރުހުން ފާޅުކޮށްފިއެވެ.

ސްޓަމްފޯޑު ބްރިޖުގައި ރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިންނެވެ. ޗެލްސީއަށް ލިބުނު އެއް ޕޮއިންޓާއެކު އެޓީމު އޮތީ 42 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ބްރައިޓަން އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.

ރޭގެ މެޗަށްފަހު ޓުޗެލް ބުނީ އޭނާ އާންމުގޮތެއްގައި ރެފްރީގެ ނިންމުންތަކާ ގުޅިގެން ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ރޭގެ މެޗުގައި އެޓީމުގެ ކްރިސްޓިއަން ޕުލިސިކަށް ކުރި ފައުލާ ގުޅިގެން ޕެނަލްޓީ ދޭން ޖެހޭ ކަމަށެވެ.

"ތެދަށް ބުނަންޏާ އަހަރެން އާންމުގޮތެއްގައި ރެފްރީގެ ނިންމުންތަކަށް ފާޑެއް ނުކިޔަން، އެހެންނަމަވެސް ރޭގެ މެޗުގައި ކްރިސްޓަން ޕުލިސިކަށް ޕެނަލްޓީ ލިބެން ޖެހޭ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް. އެ ނިންމުން ފައިނަލް ކުރުމުގެ ކުރިން ވީއޭއާރު ބަލަން ޖެހޭ،" ޓުޗެލް ނުރުހުން ފާޅުކުރަމުން ބުންޏެވެ.

ޓުޗެލް ރެފްރީއަށް ފާޑު ކިޔުމުގެ ގޮތުން ބުނެފައިވަނީ ޕެނަލްޓީ ނުދިނުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި ޖޯކެއް ކަމަށާއި ވީއޭއާރު ނުބެލެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޓުޗެލް ވަނީ ރޭގެ މެޗުގައި ޗެލްސީގެ ކުޅުންތެރިންގެ އިންޖަރީއާއި ކޮވިޑުގެ ބަލިމަޑުކަމުން ޓީމު އަރައިނުގަނެވިގެން އުޅޭ އިރު އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެކަމަށް ނުދެކޭ ކަމަށް ބުނެފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރު ރޮމޭލޫ ލުކާކޫ ބޮލުން ފޮނުވާލަނީ-

ރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރު ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލަދިނީ އުމުރުން 28 އަހަރުގެ ރޮމޭލޫ ލުކާކޫއެވެ. ގޯލު ޖެހިތާ މިނެޓެއް ފަހުން އެހާފުގައި މޮޅު ކުޅުމެއް ދެއްކި ރީސް ޖޭމްސް ވަނީ އިންޖަރީވެގެން ދަނޑުން ބާލާފައެވެ.

ފުރަތަމަ ހާފު ނިމުނުއިރު 1-0 ގެ ނަތީޖާގައި އޮތް އިރު ޗެލްސީއިން ލީޑު ފުޅާކުރުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ބްރައިޓަންގެ ޑިފެންޑަރުން ވަނީ ހަމަލާތައް ބްލޮކްކޮށްފައެވެ.

ދެވަނަ ހާފުގައި ބްރައިޓަން އިން ގޯލު ކުރިމައްޗަށް ނަގައި ހުރަސްތައް ގިނަ ކުރިއެވެ. ގޯލު ޖަހައި ފުރުސަތުތައް ފަހި ކުރިއެވެ. ނަމަވެސް ބްރައިޓަންގެ ފޯވާޑުން އުފެއްދި ގިނަ ހަމަލާތައް ޗެލްސީގެ ކީޕަރު އެޑޮގާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ އެއް މިނެޓުގައި ބްރައިޓަން އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މާކް ކުކުރެއްލާ ނަގައިދިން ހިތްގައިމު ހުރަހަކުން ޑެނީ ވެލްބެކް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލިއެވެ.

ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ޖަހާފައިވަނީ ބޮލުންނެވެ. ޗެލްސީއަށް ރޭ އެއް ޕޮއިންޓް ލިބުމާއެކު އެ ޓީމާ، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އޮތީއަށް ޕޮއިންޓުގެ ފަރަގެކެވެ. ރޭ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާއިންނެވެ. ސިޓީއަށް ގޯލު ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރޭނާ ނަގައިދިން ހިތްގައިމު ހުރަހަކުން ޒުވާން ފިލް ފޮޑެންއެވެ.

comment ކޮމެންޓް