އަދާލަތު ޕާޓީގެ މެންބަރު ކަމުން ޑރ. އަނާރާ ނައީމް ވަކިވާން ނިންމަވައިފިއެވެ.
މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައިވާ އަނާރާ ނައީމް 'ސަން' އަށް ވިދާޅުވީ, އަދާލަތު ޕާޓީން އޭނާ ވަކިވާން ނިންމެވީ އިތުރަށް އެޕާޓީއާ އެކު ކުރިއަށް ދެވެން ނެތުމުން ކަމަށެވެ.
މި ވަގުތު ބޭނުންވަނީ އެއްވެސް ޕާޓީއަކާ ނުގުޅި ހުންނަން ކަމަށްވެސް އަނާރާ ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ މައިދާނުން ދުރަށް ދިއުމަށް ވިސްނަވާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ކުރިއަށްދާނެ ގޮތަކާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

މަކުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް: އޭނާ ވަނީ މިއަދު އަދާލަތު ޕާޓީން ވަކިވުމަށް ނިންމަވާފައި ---
"އަޅުގަނޑު ޕީއެޗްޑީއަށް ކިޔެވިއިރު ތީސީސްވެސް މި ލިޔުނީ ރާއްޖޭގެ ސީޔާސީ މަޝަރަހަށް އަމާޒުކޮށްގެން. އެހެންވީމަ އަޅުގަނޑަށް އުޅެވޭނީވެސް ސިޔާސީ ދާއިރާގައި," އަނާރާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތް އަނާރާ އެ ޕާޓީން ވަކިވިއިރު ހުންނެވީ އެ ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި އެ ޕާޓީގެ އިސްވެރިންނާއި އާންމު މެންބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަނާރާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.