އަނދާހުލިވި މުސްތަރީގޭ މީހުން އެހީގެ އިންތިޒާރުގައި

މުސްތަރީ ގޭގައި ރޯވެ އަނދަނީ--

މި މަހުގެ 19 ވަނަ ދުވަހު ނ. މިލަދޫ މުސްތަރީގޭގައި ބަޔަކު ރޯކޮށްލުމުން ގެ ސުންނާފަތިވީ އެގޭ މީހުން ދަތުރުވަރަކު މާލޭގައި ތިބި ދަނޑިވަޅުގައެވެ.

އެ ހާދިސާއަށްފަހު ބޯހިޔާވަހިކަމާއި ހިފާގެންގުޅޭ ތަކެތީގެ އިތުރުން އަންނައުނާއި، ހަތަރު ކުދިންގެ ސުކޫލު ހުރިހާ އެއްޗެއް ވަނީ އަނދާ އަޅިއަށްވެފައެވެ. ގޭގައި މިހާރު ހުރީ ފާރުތަކާއި ފުރާޅު ޓިނެވެ. އެކަމާ ގުޅިގެން އެރަށު ކައުންސިލާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އަދި އެޑިއުކޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

https://sun.mv/160283

އާއިލާ ތިބީ އަދިވެސް މާލޭގައި!

މުސްތަރީގޭ އިބްރާހިމް ހަލީލުގެ އަންހެނުން އިނާޒާ އަބޫބަކުރު ބުނީ، އޭރުން ފެށިގެން އާއިލާ ތިބީ މާލޭގައި ކަމަށެވެ. ވަގުތީގޮތުން އިނާޒާގެ އާއިލާ ތިބޭނެ ތަނެއް ރަށުގައި އަދި ހަމަނުޖެހޭތީ މާލޭގައި މަޑުކުރި ނަމަވެސް ހުކުރު ދުވަހު މިހާރު ތިބި ގޭ މީހުން އިންޑިޔާއިން އައުމުން އެ ގޭގައި ޖާގައެއް ނޯންނާނެއެވެ. އެހެންކަމުން އިނާޒާގެ އާއިލާ ޖެހޭނީ ރަށަށް ދާށެވެ.

ވަގުތީގޮތުން މުސްތަރީގޭ މީހުން ދިރިއުޅުމަށް މިލަދޫން ގެއެއް ކުއްޔަށް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާއިރު، މިހާތަނަށް އަދި އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.

"ވަކި އިރެއް ނުބުނޭ[ތަނެއް ހަމަޖެހޭނެ]، އެކަމާ އުޅޭ ވާހަކަ ބުނީ. އަދި ހަމައެއް ނުއެއް ޖެހޭ." ވަގުތީ ގޮތުން އިނާޒާގެ އާއިލާ ތިބޭނެ ތަނަކާމެދު ކައުންސިލުން ބުނި ކަމަށް އިނާޒާ ފާހަގަ ކުރިއެވެ.

https://sun.mv/160311

ކައުންސިލުން އާއިލާއަށް އެހީވާން މަސައްކަތް ކުރަނީ

ހަލީލު އާއިލާއާއެކު މާލޭގައި ހުރުމަށްފަހު، ތަހުގީގުގެ ބައެއް ބޭނުންތަކަށް ރަށަށް ދިޔައެވެ. އަދި ފުލުހާއި ޑިޒާސްޓާ މެނޭޖްމަންޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްފަހު އެނބުރި މާލެ އައީއެވެ. އެ ހިސާބުން ކައުންސިލުން ދަނީ އެކަމާ ގުޅިގެން އިދާރާތަކާ މުއާމަލާތު ކުރަމުންނެވެ.

"ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ތުރޫކޮށް އެއާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ލިބޭ ގޮތަށް، އިމާރާތް ހަދާތަނުގެ މަރާމާތަށް އެހީތެރިކަން ވެސް ލިބޭގޮތަށް ހަމަޖެހިފަ އޮތީ،" މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު، އެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފާހަގަ ކުރިއެވެ.

މިހާރު ކައުންސިލުން މަސައްކަތް ކުރަމުން ދަނީ މުސްތަރީގޭ މީހުން ވަގުތީގޮތުން ތިބުމަށް ތިން ކޮޓަރީގެ ގެއެއް ރަށުން ހޯދާށެވެ.

އެ އާއިލާއަށް ކުރިމަތިވި މި ހިދާމަވެރި ދަނޑިވަޅުގައި އެންމެ ރަނގަޅަށް އެހީވާން ކައުންސިލުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

"އަދި ވަކި ފަންޑްރައިޒިން އެއްޗެއް އަޅުގަނޑުމެން ނުޖައްސަން، އެއީ ސީދާ ގޭ ވެރިފަރާތް ހަލީލު އެއްބަސްނުވާތީ،" ކުރިއަށް އޮތް ތާގައި ފަންޑް ރައިޒިން ހަރަކާތެއް ކުރިއަށް ގެންދަން ވިސްނުން ގެންގުޅޭކަން ފާހަގަ ކުރަމުން މަޖީދު ވިދާޅުވިއެވެ.

މުސްތަރީގޭ މީހުނަށް ދާއިމީ ހިޔާވަހިކަމެއް ބިނާކުރުމަށް ކައުންސިލުންވެސް އެހީތެރިވާނެއެވެ. އެކަމަށް ދާނެ ހަރަދާ ބެހޭ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ފޯރުކޮށްދިނުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑިޒާސްޓާގެ އެދުމުގެ މަތިން ކައުންސިލުން ދެން ކުރާނެ މަސައްކަތަކީ، ކޮންޓްރެކްޓަރަކާ ވާހަކަ ދައްކައި، ދާއިމީ ބޯހިޔާވަހިކަމުގެ އިމާރާތަށް ދާނެ އެވަރެޖް ހަރަދާއި ހޭދަވާނެ މުއްދަތު އެ ސެންޓަރަށް އެންގުމެވެ.

މުސްތަރީގޭ އާއިލާ މިވަގުތު މާލޭގައި ތިބީ އަމިއްލަ ހަރަދުގައި ކަމަށް ކައުންސިލުންވެސް ބުންޏެވެ.

އަލިފާނުގެ ހަދިސާއަށް ފަހު ނ. މިލަދޫ މުސްތަރީގޭގެ ހާލަތު -- ފޮޓޯ/ މިލަދޫ ގެލެރީ ފޭސްބުން ޕޭޖް

ޑިޒާސްޓާއިން ވަގުތީ ހިޔާގެ ހަރަދު ދޭނެ!

މުސްތަރީގޭ އާއިލާއަށް ރަށުން ވަގުތީ ބޯހިޔާވަހިކަން ލިބޭނެ ތަނެއް ހަމަޖެހުމުން، ދާއިމީ ބޯހިޔާވަހިކަމެއް ލިބުމާ ހަމައަށް، އެ އާއިލާ ތިބޭނެ ވަގުތީ ހިޔަލުގެ ހަރަދު ބަލަހައްޓާނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

އާއިލާއަށް ލިބުނު ގެއްލުމާ ބެހޭ އެސަސްމަންޓް، ކައުންސިލުން ޑިޒާސްޓާއަށް ފޮނުވާފައި ވުމުން، އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ މަސައްކަތް ޑިޒާސްޓާއިން ދަނީ ކުރަމުންނެވެ.

"އެބޭފުޅުންނަށް ދާއިމީގޮތުން އެނބުރި ގެއަށް ވަޑައިގަންނަވަން، ސަރުކާރުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން މިހާރު މަސައްކަތް ކުރަމުން މިދަނީ،" ޑިޒާސްޓަ މެނޭޖްމަންޓްގެ ފަރާތުން ފަރޫޝާ އަލީ ނަސީރު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއަށް ފަހު ނ. މިލަދޫ މުސްތަރީގެ ބަންދުކޮށްފައި -- ފޮޓޯ/ މިލަދޫ ގެލެރީ ފޭސްބުން ޕޭޖް

ކުދިން ސްކޫލަށް ބޭނުންވާ އެއްޗެހި މިނިސްޓްރީން ހޯދައިދޭނެ

ހަލީލުއާއި އިނާޒާގެ ހަތަރު ކުދިންނަކީވެސް ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ކުދިންނެވެ. ގޭގައި ރޯކޮށްލި ހާދިސާއާއެކު އެކުދިން ކިޔެވުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗެއްވެސް ވަނީ ވީރާނާވެފައެވެ. ފޮތްދަބަހާއި ޔުނިފޯމުތައް ވެސް ހިމެނޭ ގޮތަށެވެ.

ކުދިންގެ ސްކޫލު ތަކެއްޗަށް ލިބުނު ގެއްލުން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށާއި އެކަމުން އަރައިގަތުމަށް ކައުންސިލް ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ މެދު ސްކޫލާވެސް މަޝްރަވާ ކުރަމުން އަންނަ ކަމަށް މިލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަބްދުއް ސައްތާރު މީގެ ކުރިން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު އެޑިއުކޭޝަން މިނިސްޓްރީން ދަނީ އެކަމަށް ތައްޔާރު ވަމުންނެވެ.

ސްކޫލު ޗުއްޓީ ނިމި އަލުން ކިޔެވުން ފެށުމުގެ ކުރިން ކުދިންނަށް ކިޔަވަން ދެވޭވަރު ކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ހާދިސާއަށްފަހު ރަށުތެރޭގެ އަމާންކަމަށް މަސައްކަތްތަކެއް!

މުސްތަރީގޭގައި އަލުފާން ރޯވި ހާދިސާއަށް ފަހު، އެފަދަ އެހެން ހާދިސާއެއް ކުރިމަތި ވިޔަ ނުދިނުމަށްޓަކައި ކައުންސިލުން ދަނީ ވަރަށް ފުންކޮށް ވިސްނަމުންނެވެ.

އެގޮތުން އެންމެ ބޮޑު އިސްކަމެއް ދީގެން ކައުންސިލުން ކުރަން ނިންމާފައި ވަނީ ރަށުތެރެ ބެލެހެއްޓުމުގެ ނިޒާމެއް ގާއިމު ކުރުމެވެ.

ފުލުހުންނާ ގުޅިގެން، ރަށުތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް ކައުންސިލުން ދަނީ ވިސްނަމުންނެވެ. އޭގެ ސަބަބުން ފުލުހުން ހިންގާ ތަހުގީގު ތަކަށްވެސް ބާރު މިނެއްގައި ކުރިއެރުން ލިބޭނެ ކަމަށް ކައުންސިލުން ގަބޫލު ކުރެއެވެ.

"ސީސީޓީވީ ކެމެރާ ހަރުކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގަ،" ކައުންސިލްގެ ރައީސް އަބްދުލް މަޖީދު ވިދާޅުިއެވެ.

"މި ކޭސްއާ ގުޅިގެން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ކަމަކީ، ކެމެރާ ސިސްޓަމް ގޭގޭގަ ބޭނުންކުރާ އެއްޗެހި ވަރަށް މަދުކޮށް ފެންނަނީ. އެހެންވީމަ އިންވެސްޓިގޭޝަންއަށް ޕޮލިސްއަށް ވަރަށް ބޮޑު ޗެލެންޖަކަށް ވި. މީހުންގެ މޫވްމަންްޓް އެނގޭކަހަލަ އެއްވެސް ކަމެއް ރަށުތެރެރިން ނުހުންނާތީވެ،" ލިބުނު ފިލާވަޅާއެކު މިވަގުތު ކެމެރާގެ ޕްރޮޕޯސަލް ތައްޔާރު ކުރަން އެދިފައިވާކަން ފާހަގަ ކުރަމުން އަބްދުލް މަޖީދު ވިދާޅުވިއެވެ.

އާއިލާއިން ތިބީ މި އެހީތަކުގެ އިންތިޒާރުގައި!

މުސްތަރީގޭ އާއިލާއަށް އެހީވުމަށް ކައުންސިލުގެ ދުވެލި ބާރެވެ. ޑިޒާސްޓާގެ އެހީ ޕްލޭން ވަރަށް ފުރިހަމައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާއެކު ކުދިންނަށް ކިޔަވަން ދެވުމާ މެދު ހާސްކަމެއް ނެތެވެ. ނަމަވެސް ހާދިސާއަށް 10 ދުވަސް ވީއިރު ހަލީލުގެ އާއިލާއާ ހަމައަށް އަދި އެހީގެ އަތެއް ނުފޯރައެވެ. ބެލެވޭގޮތުގައި އެންމެ ފުރަތަމަ އެހީތެރިކަމެއް ވެސް ލިބިގެންދާނީ ވަގުތީ ހިޔާގެ އިމާރާތެއް ހަމަޖެހުމާ ހަމައިންނެވެ. އާއިލާގެ އުފަން ފަސްގަނޑަށް އެނބުރި ދެވުމުންނެވެ.

ނަމަވެސް މިވަގުތުވެސް އާއިލާއިން ކޮންމެވެސް ވަރެއްގެ އެހީތެރިކަން ބޭނުންވެއެވެ.

"ރަށަށް މިހާރުވެސް ދާން ބޭނުންވެފަ، ތަނެއް ހަމަނުޖެހޭތީ ނުދެވިފަ މިތިބީ،" އިނާޒާއަށް ގުޅާލުމުން ފުރަތަމަވެސް ބުނީ އެހެންނެވެ.

އެހެންކަމުން އާއިލާ ގޮވައިގެން މާލޭގައި ތިބީ ހާލަތުގެ ގޮތުންކަން ސާފުވެއެވެ. އިނާޒާ ވަގުތުު ގުނަމުން ދަނީ އާއިލާއާއެކު ރަށަށް ދެވޭނެ އިރަކަށެވެ. އިދާރާތަކުގެ އެހީގެވެސް އިންތިޒާރުގައެވެ.

އެ ގޭގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރިނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް