ގެ އަންދާލީ އިންޒާރަކަށްފަހު، ހަލީލުގެ ދިރިއުޅުން ސުމަކުން ފަށަން ޖެހިފައި

ނ. މިލަދޫ މުސްތަރީގޭގައި އަލުފާން ރޯވެފައި -- ފޮޓޯ/ މިލަދޫ ގެލެރީ ފޭސްބުން ޕޭޖް

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު މުޅި ނ. މިލަދޫ އެލާޓަށް އައީ އެ ރަށު ގެއެއްގައި ރޯވެގެން އުޅޭ ހަބަރަށެވެ. އޭރު އެއްވެސް މީހަކު ދިިރިނޫޅޭ އެ ގޭގައި ހުޅުހިފާ، މުޅި ގެ އަނދާ އަޅިއަށްވީއެވެ.

އެއްވެސް މީހަކު ނޫޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގުމުން އެކަމުގައި ޝައްކުތަކެއް އުފެދުނެވެ.

މުސްތަރީގޭގައި ރޯވީ އެންމެން މާލެ ދިޔަ ފަހުން

މިދިޔަ ހޮނިހިރު ދުވަހު އިބްރާހިމް ހަލީލުގެ ހަތަރު ދަރިންނާއި އަންހެނުން މާލެ އައީ ސްކޫލް ބަންދު ހަފްތާއާ ދިމާކޮށް ބޭސްފަރުވާއަށެވެ. މުސްތަރީގޭގައި ދިރިއުޅޭ، ހަލީލުގެ މަންމައާއި ކޮއްކޮ އަދި ކޮއްކޮގެ ދަރިފުޅު ވެސް މިވަގުތު ވީ މާލޭގައެވެ.

އާދީއްތަ ދުވަހުގެ ރޭ ހަލީލު އުޅޭ ރިސޯޓުން ދަތުރުފެށީ އާއިލާ ކައިރިއަށް، މާލެ ދިއުމަށެވެ. އޭރު ފޯނަށް މާބޮޑަށް ރޭންޖު ނުލިބުނު ކަމުގައި ވިޔަސް އެކަމަށް އޭނާގެ މާބޮޑު ފަރުވާލެއް ނެތެވެ.

އަލިފާން ރޯވުމާ ގުޅިގެން ނ. މިލަދޫ މުސްތަރީގެއަށް ލިބިފައިވާ ގެއްލުން -- ފޮޓޯ/ މިލަދޫ ގެލެރީ ފޭސްބުން ޕޭޖް

ގްރޭޑް 10ގައި ތައުލީމު ހާސިލު ކުރާ، ހަލީލުގެ ދޮށީ ދަރިފުޅުގެ ފޯނަށް އެކުވެރިއަކު ގުޅީ އާދީއްތަ ދުވަހުގެ ރޭ ދަންވަރުއެވެ. ގުޅުމަށް ފަހު ކޮންތާކުތޯ އެހުމުން މާލޭގައި ކަމަށް ބުނުމާއެކު، މުސްތަރީގޭގައި ބަޔަކު އެބަ އުޅޭ ކަމަށާއި މޯޓަރުވެސް ޖެހޭ އަޑު އިވޭކަމަށް އެކުވެރިޔާ ކިޔައިދިނުމުން ހަލީލުގެ ދަރިފުޅު އެދުނީ އެ ގެއަށް ގޮސް ގޭގައި ތިބި ބައެއް ބަލައިދިނުމަށެވެ.

"ބުނީމަ އޭނަ ދެން މި ދިޔައީ، ދިޔައިރުގަ ހުރީ ރޯކޮށްލާފަ ގޭގަ،" ހަލީލު ކިޔައިދިނެވެ.

ދަންވަރު 1:45ހާއިރު ރޯވި އަލިފާން ނިވާލުމަށް ސޮނެވާ ޖާނީ ރިސޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުން 3:45 ހާއިރު މިލަދުއަށް ގޮސް، ރަށުގެ ރައްޔިތުންގެވެސް އެހީއާއެކު އަލިފާން ނިއްވާލެވުނީ 4:30 ހާއިރު ކަމަށް މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު ވިދާޅުވިއެވެ.

އަލިފާން ރޯވުމާ ގުޅިގެން މުސްތަރީގެއަށް ގެއްލުން ލިބިފައި -- ފޮޓޯ/ މިލަދޫ ގެލެރީ ފޭސްބުން ޕޭޖް

އެ ހާދިސާއާ ގުޅިގެން މުސްތަރީގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގޭގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ އަޅިއަށް ވެފައެވެ. އޭގެ ތެރޭގައި، އަންނައުނުތަކާއި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް އޭގެ ތެރޭގައި ހިމެނެއެވެ.

ކުރިން އިންޒާރެއް އައި!

"އިންޒާރުވެސް ދީފަ އެބަ ހުރި. ތުހުމަތު މިކުރާ މީހާ. ދެން އަދި މީގެ ތިން މަސް ކުރިންވެސް އަންހެނުން ޑޮކްޓަރަށް ދައްކަން ވެގެން މާލެ އަހިއްސަ ދިޔައިރުގަ ގެ ހުރީ ފަޅާލާފަ،" ހަލީލު ބުނީ އެފަހަރު އެ ގެެއިން ވައްކަން ކުރި އެއްޗެހި އެމީހުން އަމިއްލައަށް ފަހުން ހަލީލުއާ ހަވާލު ކުރި ކަމަށެވެ.

ހަލީލުގެ ކުދިން ކިޔެވުމުގައި އިންޓަނެޓް ބޭނުން ކުރަން ގެންގުޅޭ ރައުޓަރުގެ ސިމް ވެސް ގެންދިޔަ ކަމަށާއި، ފަހުން އެ ދިނުމުން ފުލުހުންނަށް ވެސް އެ ވާހަކަ ކިޔައިދީފައި ވާނެ ކަމަށް ހަލީލު ބުންޏެވެ.

ހަލީލުގެ އާއިލާއަށް އިންޒާރު ދެން މެދުވެރިވި ހާދިސާ ކިޔައިދެމުން ހަލީލު ބުނީ ދާދި ފަހުން މިލަދޫ ކައިރީ އޮންނަ މަގޫދޫގެ ފިހާރައެއް ބަޔަކު ފަޅާލި ކަމަށެވެ. ހަލީލު ތުހުމަތު ކުރަނީ އެއީ ހަމަ އެއްބައެއް ކަމަށެވެ.

އެމީހުން ފިހާރަ ފަޅާލައި، އެއްޗެހި ގެނައިކަން އެނގޭ މީހުންގެ ތެރޭގައި ހަލީލުގެ ދޮށީ ދަރިވެސް ހިމެނެއެވެ. އެހެންކަމުން ފުލުހުން ކުރި ތަހުގީގުގެ ތެރޭގައި ހަލީލުގެ ދަރިފުޅުގެ ބަޔާންވެސް ނެގީއެވެ.

"އެމީހުންނަށް އެނގޭ އަހަރެންގެ ދަރިފުޅުގެ ބަޔާން ނެގިކަން. އެނގިގެން އެމީހުން ބުނެފަ އެބަހުރި، ތިމަންނަމެން މިކަމުގެ ބަދަލު ހިފާނަމޭ. ރަށުގެ އެކިއެކި މީސްމީހުން ކައިރީވެސް އެހެން ބުނެފަ އެބަހުރި،" ހަލީލުގެ ދަރިފުޅާ ގާތް މީހެއް ކައިރީވެސް އެހެން ބުނެފައި ވާކަމަށް ހަލީލު ފާހަގަ ކުރިއެވެ.

އެކަމުގެ ތެރޭގައި ތިން މީހަކު ހިމެނޭކަމަށް ހަލީލު ތުހުމަތު ކުރެއެވެ.

ހަލީލުގެ އާއިލާ ހާލުގައި ޖެހިފައި

މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ހިފައިގެން ޑޮކްޓަރަށް ދައްކަން އައިސް ތިބި ހަލީލުގެ އާއިލާއިން ބުނީ، މިހާރު ރަށަށް ގޮސް ވަންނާނެ ތަނެއް ނެތް ކަމަށެވެ. ގެއަށް ލިބުނު ބޮޑު ގެއްލުމާ އެއްވަރަށް ގޭގެ ސާމާނަށް ވެސް ވަނީ އަސަރުކޮށްފައި ކަމަށެވެ.

ހަލީލުގެ ހަތަރު ކުދިންނަކީވެސް ސްކޫލު ކުދިންނަށް ވާއިރު، އެކުދިންގެ ސްކޫލު ހުރިހާ ސާމާނެއް ވެސް ވަނީ ވީރާނާ ވެފައެވެ.

"ފޮތްތަކާ، ޔުނީފޯމުތަކާ، ބޫޓުތަކާ ހުރިހާ އެއްޗެއް (ހަލާކުވެފައި) އުފަންދުވަހުގެ ސެޓުފިކެޓުތަކާ،" ހަލީލު ބުނީ އެކަމާ ގުޅިގެން ކުދިންނަށް ތިބީ ނަފްސާނީގޮތުން އަސަރު ކޮށްފައި ކަމަށެވެ.

ދިރިއުޅުމަށް ކުރިމަތިވި އުނދަގޫ ފައްތަރާއެކު ހަލީލު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އާއިލާއާއެކު ވަންނާނެ ގެދޮރެއް، ނިދާލާނެ ތަންކޮޅެއް ނެތި ބިކަވެފައެވެ.

މުސްތަރީގެއަށް ލިބިފައިވާ ގެއްލުންތައް -- ފޮޓޯ/ މިލަދޫ ގެލެރީ ފޭސްބުން ޕޭޖް

ހަލީލުގެ އާއިލާއަށް ކުރިމަތިވި ހިތާމަޔާ ގުޅޭގޮތުން މިލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވީ، އާއިލާއަށް އެހީތެރި ވެދެވެން ހުރި ގޮތްތަކާ މެދު މަޝްރަވާ ކުރަމުންދާ ކަމަށެވެ.

ކައުންސިލްގެ ރައީސްއެކޭ އެއްގޮތަށް ނައިބު ރައީސްގެ ވެސް ތުހުމަތަކީ އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ހިނގި ގޮތާމެދު ރަސްމީ ޖަވާބެއް އަދި ފުލުހުން ނުދެއްވާ ކަމަށް ނައިބު ރައީސް ސައްތާރު ވިދާޅުވިއެވެ.

އެގެއަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަން ސައްތާރުވެސް ފާހަގަ ކުރެއްވިއެވެ.

"މުޅި ގެ އެއްކޮށް އަނދާ ހުލިވެފަ އެހެރީ. ބޭނުން ކުރެވޭ އެއްވެސް އެއްޗެއް އެގެއަކު ނެތް މިހާރަކު. ހަމައެކަނި ރަށުން ބޭރަށް ދިޔައިރު އެ ބޭފުޅުން ގެންދިޔަ އަންނައުނު ފިޔަވާ އެއްވެސް އެއްޗެއް އެމީހުންގެ އަތުގަ ނެތް ކަމަށް މައުލޫމާތު ލިބިފަ ވަނީ،" ސައްތާރު ވިދާޅުވިއެވެ.

މީގެ އިތުރުން ސައްތާރު ވިދާޅުވީ، ހަލީލުގެ ކުދިންގެ ސްކޫލު ތަކެއްޗަށް ލިބުނު ގެއްލުން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށާއި އެކަމުން އަރައިގަތުމަށް ކައުންސިލް ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ މެދު ސްކޫލާވެސް މަޝްރަވާ ކުރަމުންދާ ކަމަށެވެ.

ހަލީލުގެ ބަހުން ނަމަ އޭނާގެ ދިރިއުޅުން މިހާރު ވަނީ 'ޒީރޯ'އިން ފަށަން ޖެހިފައެވެ. ދިރިއުޅުމަށް ޒަރޫރޫ ގޮތުން ބޭނުންވާ ކާނާއާއި އަންނައުނާއި ބޯހިޔާވަހިކަން ހޯދުމަށް އަލުން ބަލުން މަސައްކަތް ކުރަން ޖެހިފައެވެ. އަމިއްލަ ރަށުގައި މަގުމަތި ވެފައެވެ. ވީ ހާލެއްގައި ވާން ހަލީލުގެ އާއިލާއިން އެނބުރި ރަށަށް ދާނީ މޮޅިވެރިކަމާއެކު މާޔޫސްވެ ތިބެއެވެ.

comment ކޮމެންޓް