މިލަދޫ ގެއެއްގެ މީހުން ރަށުގައި ނެތީސް ގޭގައި "ރޯކޮށްލައިފި"

ނ. މިލަދޫ މުސްތަރީގޭގައި ރޯވެފައި -- ފޮޓޯ/ މިލަދޫ ގެލަރީ ފޭސްބުކް ޕޭޖް

ނ. މިލަދޫގެ ގެއެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ ރޭ ދަންވަރު 1:45 ހާއިރު އަލިފާން ރޯވީ އެ ރަށުގެ މުސްތަރީގެ ކިޔާ ގެއެއްގައި ކަމަށެވެ.

"އެގޭ މީހުން މާލެ ދަތުރަކު، މާލެ ގޮއްސަވީ. އެއްވެސް މީހަކު އެ ގެއަކު ނޫޅޭ،" އަބްދުލް މަޖީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އާއިލާގެ މީހުން މާލެ އައީ މިދިޔަ ހަފްތާގައި ކަމަށެވެ.

މީގެ އިތުރުން އަބްދުލް މަޖީދު ވިދާޅުވީ، އާއްމުކޮށް 8-7 މީހުން ދިރިއުޅޭ މުސްތަރީގޭގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ބުނަން ނޭނގުނު ނަމަވެސް، އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ އަމަލެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގެއަށް ލިބުނު ގެއްލުމުގެ އަގު ބުނަން މިވަގުތު ނޭނގޭކަމަށް އޭނާ ވިދާޅުވިއެެވެ.

ނ. މިލަދޫ މުސްތަރީގޭގައި ރޯވެފައި -- ފޮޓޯ/ މިލަދޫ ގެލަރީ ފޭސްބުކް ޕޭޖް

"އެ ގޭގަ އަނެއްހެން މިހާރު ބޭނުން ކުރެވޭ އެއްވެސް އެއްޗެއް ނެތް. މުޅި ގެ އެއްކޮށް އަނދާފަ، ފާރުތައް ވެސް،" އަބްދުލް މަޖީދު ވިދާޅުވިއެވެ.

ދެ ކޮޓަރިއާއި ސިޓިންރޫމް އަދި ބަދިގެއެއް ހުންނަ އެ ގޭގައި ރޯވި އަލިފާން ނިއްވާލެވުނީ ސޮނެވާ ޖާނީ ރިސޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުން 3:45 ހާއިރު މިލަދުއަށް ގޮސްގެން ކަމަށް އަބްދުލް މަޖީދު ވިދާޅުވިއެވެ.

އަލިފާން އެއްކޮށް ނިއްވާލެވުނު އިރު ފަތިހު 4:30 ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސޮނެވާ ޖާނީ ފަޔާ އެންޑް ރެސްކިއު ޓީމުން އައިސް އަލިފާން ނިއްވާލެވިފަ ވަނީ. ސޮނެވާ ޖާނީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން،" އަބްދުލް މަޖީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 1:45 ހާއިރު އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ މިވަގުތު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

comment ކޮމެންޓް