ހުޅުމާލޭގެ ރަޖިސްޓްރީއާ ބެހޭ ގޮތުން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރަނީ

ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ -- ސަން ފޮޓޯ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ، މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި ކުރުމަށް އަމަލު ކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ މިއަދު "ސަން" އަށް ވިދާޅުވީ ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް މި ހަފްތާ ތެރޭގައި ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް އެ ކައުންސިލްގެ ގާނޫނީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިވިލް ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ، ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ކުރުމާ ގުޅިގެން އެޗްޑީސީން އެ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

އެ އަމުރުގައި ބުނެފައިވަނީ އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހާ ގާނޫނީ ހައްގުތަކާއި ބިމާ ގުޅިގެން ކުރަމުން އައި އެންމެހާ ކަންކަމާއި، ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ އަމުރުގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން، އެފަދަ ކަމެއް ކުރަމުންދާ ނަމަ އެކަން ހުއްޓުވައިދިނުމަށް ދައުލަތުގެ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

"[ސިޓީ ކައުންސިލްގެ] ނިންމުން ގޯސް ކަމަށް [ސިވިލް ކޯޓުން] އަންގާފައެއް ނުވޭ. އެހެންކަމުން ސިޓީ ކައުންސިލްގެ ލީގަލް ޓީމުން ގަބޫލު ކުރަނީ ސިވިލް ކޯޓަށް މިފަދަ އަމުރެއް ނުނެރެވޭނެ ކަމަށް. ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ މި ސަބަބާ ގުޅިގެން،" ޝިއުނާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ތަރައްގީކޮށް ފްލެޓް އަޅައި ތަރައްގީގެ މަޝްރޫތައް ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުން ހައުސިން މިނިސްޓްރީންނެވެ. އޭގެ ކުރިން ހުޅުމާލެ ފުރަތަމަ ފިޔަވަހި ވެސް އޮތީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ގެންދިޔުމަށް މިމަހުގެ އަށް ވަނަ ދުވަހު އެ ކައުންސިލުން ފާސްކުރީ, އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލާ ދެމެދު ދެބަސްވުމެއް އުފެދުނު ފަހުންނެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް