ދަރިފުޅު ދިރިހުއްޓާ ފެނޭތޯ ޚަދީޖާ ކުރި އިންތިޒާރުގެ ނިމުން ހިތްދަތި

ޚަދީޖާ "ސަން"އަށް ސުނާމީގެ ވާހަކަތައް ހިއްސާކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

(ތ. ވިލުފުށިން) އެއީ ތާރީހުގައި ދިވެހީން ދުށް އެންމެ ބިރުވެރި އެއް ދުވަހެވެ. މިއަދު ވެސް އެ ހަނދާންތައް އައު ވުމުން، ދިވެހީން ބިރުން ފިއްކަނޑައިގެންދެއެވެ. އެ ދުވަހުގެ ވޭނާއި ހޫނު ލިބިފައިވާ މީހުންނަށް، އެ ހަނދާންތައް އައު ވުމުން ލޯ ކަރުނުން ފުރެއެވެ.

މި ރަށު ޚަދީޖާ އާދަމަށް ވެސް އެ ދުވަހުގެ ހަނދާންތައް އައު ވުމުން ކެތެއް ނުކުރެވުނެވެ. އެ ވާހަކަތައް ދައްކަން ފެށުމުން އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލައި ރޮވުނެވެ. އެ ދުވަހުގެ ހިތާމަތައް އޭނާ ވަށައިލާ އެ ރާޅުތަކުގެ ތެރެއަށް އޭނާ ގެންދެއެވެ.

ސުނާމީ ކާރިސާ ހިނގި އިރު ޚަދީޖާގެ ތިބެނީ ފަސް ކުދިންނެވެ. އެއީ އަންހެން ތިން ކުދިންނާއި ފިރިހެން ދެ ކުދިންނެވެ. އޭރު ރަށުގައި ތިބީ ހަތަރު ކުދިންނެވެ.

އެ ދުވަހު ހެނދުނު ޚަދީޖާ އުޅުނީ ސިއްހީ މަރުކަޒުގައެވެ. އެ ވަގުތު މީހަކު އޭނާގެ ގާތުގައި، "ރާޅު އެބަ އަރައޭ" ބުންޏެވެ. ސިއްހީ މަރުކަޒުގެ ވޯޑުގައި ހުރެފައި، އޭނާ އެ ވަގުތު ބޭރު ބަލައިލިއެވެ. ފެނުނީ ރުއްތަކުގެ ފަންތައް ވެސް ރަތްކުލައިގައި ހުއްޓައެވެ.

"ސަލާމަތްވާން ނުދުވެވޭނެ ކުއްޖަކު ނުހުންނާނެ. އެކަމަކު މަގޭ މަންމައަކަށް ނުހިނގޭ. މަންމަ އޮތީ ބޭރު ބަނބުކެޔޮ ގަސްދޮށުގައި. މަންމަ ސަލާމަތް ކުރުމުގެ ނިޔަތުގައި ދުވުނީ. އެކަމަކު ނުދެވުނު. ނުކުން އިރު އެ ފެންގަނޑު އައިސް ހަމަވެއްޖެ. ވަރަށް އުސްކޮށް ހުރީ،" ޚަދީޖާ އެ ދުވަހުގެ ހަނދާންތައް އައު ކުރިއެވެ.

އޭނާ ވަގުތުން ދުވެފައި ގޮސް ސިއްހީ މަރުކަޒާ އިންވެގެން ހުންނަ، ސުކޫލުގެ ފާރުމަތިން ފުންމައިލިއެވެ. އަދި އޮފީހުގެ ފާރު މައްޗަށް އެރިއެވެ. ނަމަވެސް ހަމަ އެ ވަގުތު ރާޅުތަކުގެ ބާރުގައި އެ ފާރު ނައްޓައިގެން ދިޔައެވެ.

އެ ވަގުތު އޭނާގެ ކައިރިއަށް އައީ މަރުކަޒުގައި މަސައްކަތް ކުރަން އުޅުނު ޑޮކްޓަރެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ފާރު ބިމާ ހަމަވެ އެ ދެ މީހުން ވެސް ވެއްޓުނީ އެތާ ހެދިފައި އޮތް ބޮޑު ވަޅުގަނޑެެއްގެ ތެރެއަށެވެ. ޑޮކްޓަރު ވެސް ދިޔައީ ކޮން ދިމާއަކަށް ކަމެއް ޚަދީޖާއަކަށް ނޭނގުނެވެ.

އޭރު އެކި ކަހަލަ އެއްޗެހި އޮޔާ ގެންދާ މަންޒަރު އޭނާއަށް ފެނުނެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް އޭނާއަކަށް އޭރަކު ނުވެއެވެ.

އޭގެ އިރުކޮޅެއް ފަހުން ލޮނުގަނޑު ތިރިވެ މައިތިރިވެެއްޖެއެވެ. ވަގުތުން ޚަދީޖާ ހިނގައިގަތީ ގެއަށް ދެވޭތޯއެވެ. ގެޔަށް ދިޔަ މަގުމަތީގައި އޭނާގެ ދޮންބެ ދައްތައާ ދިމާވުމުން ދެ މީހުން ދިޔައީ އެކުގައެވެ. ދޮންބެގެ ކުދިންނާއި އޭނާގެ ކުދިން ވެސް، ޚަދީޖާ ގެއިން ނުކުންއިރު ތިބީ ޓީވީ ބަލާށެވެ.

އަވަސްއަވަހަށް، ގެޔާ ހަމައަށް ދިޔައިރު، ގޭގައި އެއްވެސް އެއްޗެއް ނެތެވެ. ދިރިއުޅުމަށް ޓަކައި އެއްކޮށްފައިވާ ހުރިހާ މުދަލަކާއި ހިފާ ގެންގުޅޭ އެއްޗެހި ވެސް ރާޅުތަކުގެ ޝިކާރައަކަށް ވީއެވެ. ގޭގައި މީހެއްގެ ހިލަމެއް ވެސް ނެތެވެ. އެއްވެސް ދަރިއަކު ވެސް ފެންނާކަށް ނެތެވެ.

"އެތާ ހުއްޓާ މަގޭ އެންމެ ހަގު ކުއްޖާ ފަހަތުން އައިސް ބައްދައިލީ. ދެން މަންމާއޭ ކިޔާފަ ރޯން ފަށައިފި. ދެން ދިޔައީ މަންމައާއި ކުދިން ހޯދަން،" ޚަދީޖާ ކިޔައިދިނެވެ.

މަންމައާއި ކުދިން ހޯދަން ޚަދީޖާ މަސައްކަތް ފެށިއެވެ. ނަމަވެސް ނުފެނި ގިނަ އިރުވާ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. ހިތުގައި އޮތް ނުތަނަސްވެރިކަން ވެސް އިންތިހާއަށް ބޮޑެވެ.

އުޅެވޭ ނޫޅެވޭ ގޮތެއް ވެސް ޚަދީޖާއަކަށް ނޭނގެއެވެ. މަންމައާއި ދަރިން ނުފެންނާތީ، އޭނާ ހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.

"ދެން މަ އެތާ ހުއްޓާ މީހަކު މަ ކައިރި ބުނެފި، މަންމަ އެބައޮތޭ ގަނީބޭ މެންގޭ ފިނިއަށީ. އެއީ މަންމަގެ އެންމެ ދޮށީ ކުއްޖާ. އެހެން ބުނީމަ މަ ދުވެފާ ދިޔައީ މަންމަ ކައިރިއަށް. ގޮސްފަ އެތާ އިނދެ ރޮއެރޮއެފަ މަ ބުނެފިން މަންމާއޭ ކުދިންކޮޅު ވީތަނެއް ނޭނގެއޭ. މަ އަންނާނަމޭ ކުދިންކޮޅު ގޮވައިގެން،" ފެންކަޅިވެފައިވާ ހާލު ޚަދީޖާ އެ ވާހަކަތައް ހިއްސާކުރިއެވެ.

ދަރިން ހޯދަންވެގެން ޚަދީޖާ މަސައްކަތް ފެށިއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ އަނެއްކާ ވެސް ދެވަނަ ރާޅެއް އެބަ އާދެޔޭ ގޮވަން ފަށައިފިއެވެ. އެ ރާޅު ވެސް އަރައި، ފައިބައިގެން ދިޔައީ މުޅި ރަށް ސުންނާފަތި ކޮށްފައެވެ.

ރާޅު މައިތިރިވުމުން، ޚަދީޖާ ގެޔާ ދިމާއަށް ދިޔައެވެ. އޭނާއަށް އޭނާގެ ތިން ދަރިން ފެނުނެވެ. ނަމަވެސް އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު، މަރިޔަމް އަރީކާއެެއް ނުފެނުނެވެ. އެހެންކަމުން، އޭނާގެ ކަންބޮޑުވުންތައް ފިލައިގެންނެއް ނުދެއެވެ. ހިތާމަތައް ވަކި ކުޑައެއް ނުވެއެވެ.

އެ ވަގުތު މީހުންތައް ދޯނިތަކަށް އަރަން ފަށައިފިއެވެ. އަދި އެންމެން ވެސް ދޯނިތަކަށް އެރުމަށް ގޮވަމުން ދިޔައެވެ. އެހެންކަމުން ޚަދީޖާ ވެސް ކައިރީގައި ތިބި ދަރީން ގޮވައިގެން ގޮސް ދޯންޏަށް އެރިއެވެ.

"އެކަމަކު ވެސް އަނެއްކާ ކައިރި ކޮށްފި ދޯނިތައް. ކައިރި ކުރީމަ މަ ފުންމައިލައިފިން. ފުއްމާލާފަ ދުވަން ފަށައިފިން އަނެއްކާ ވެސް. ފުރާޅުތަކުގެ ދަށަށް ވެސް ގުދުވެ ހަމަ، އެ ކުއްޖާ ފެނޭތޯ،" ޚަދީޖާ ކިޔައިދިނެވެ.

ލޯބިވާ ދަރިފުޅު، އަރީކާ ހޯދަން ޚަދީޖާ ކުރި މަަސައްކަތް އޭނާއަށް ކާމިޔާބެއް ނުވިއެވެ. ގާތުގައި ތިބި ލޯބިވާ ދަރީންނާއި ތަންމަތިވެފައި އޮތް މަންމަގެ ސަލާމަތަށް ޓަކައި އޭނާއަށް މަޖުބޫރުވީ ސަލާމަތުގެ އައްސޭރިއަކަށް ދާން ދަތުރު ފަށާށެވެ.

"މަންމަ އެބައޮތް، މަންމަ ބަލަހައްޓަނީ އަޅުގަނޑު. އެ ވެސް މަގޭ ފުރާނަ މި ވެސް މަގޭ ފުރާނަ. ދޫކުރާނެ ނެތް އެއް ފުރާނަ ވެސް. އެކަމަކު ފެންނަން އޮތް އެއްޗެއްގެ ފަހަތުން ދޯ ދެވޭނީ. އެކަމަކު މަ ހީނުކުރަން، އުއްމީދެއް ނުކުރަން އެއްފަހަރު ވެސް [އަރީކާ] ނުފެންނާނެ ކަމަކަށް،" ޚަދީޖާ ގިސްލާ

ގުރައިދޫއަށް ދާން ދޯނިމަތީގައި އިން އިރުގައި ވެސް އޭނާ ދިޔައީ ވަށައިގެން ބަލަމުންނެވެ. އޭނާގެ ލޮލުގެ ނޫރު ފެނޭތޯއެވެ. ލޯބިވާ ދަރިފުޅު، އަރީކާ ފެނޭތޯއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަރީކާ ގެއްލުނީކަމަކަށް އޭނާ ނުނިންމައެވެ.

އަރީކާ ފެނުނީ އެ ރަށު ނެރު ކައިރީގައި އޮންނަ ގިރިއެއް ތެރޭގައި މަރުވެފައި އޮއްވައެވެ. ޚަދީޖާ މިއަދު ވެސް އެންމެ ހިތާމަ ކުރާ ކަމަކީ އަރީކާގެ މޫނު ދެކިލުމުގެ ނަސީބު ނުލިބުމެވެ. އަނބުރާ ވިލުފުއްޓަށް ދަރިފުޅުގެ މޫނު ދެކެން ނުގެންނާނޭކަން އެނގުނު ނަމަ އޭނާ އެ ރަށުން ފައިބައިގެން ނުދިޔައީހެވެ.

ގުރައިދޫއަށް ދިއުމަށް ފަހު ވެސް ޚަދީޖާ ގެއިން ބޭރަކަށް ނުނިކުމެއެވެ. ނަމަވެސް އޭނާ ވަށައިގެން ވަނީ އެކި ކަހަލަ ހިޔާލުތަކެވެ. އަރީކާގެ ހަނދާންތައް އޭނާގެ ވަށައިގެން ވެއެވެ.

ހަނދާނަށް އަންނަނީ، އެ ދުވަހު ހެނދުނު ގެއިން ނުކުންނަމުން އަރީކާގެ ބޮލުގައި ފިރުމައިލި ހަނދާނެވެ. އަދި ކޮއްކޮއަށް އިނގިރޭސި ވާހަކަ ކިޔައިދޭން އަރީކާގެ ގާތުގައި ބުނި ހަނދާނެވެ. އެ ހަނދާންތައް އައު ވުމުން މިއަދު ވެސް އޭނާއަށް ގިސްލާ ރޮވެއެވެެ.

ގުރައިދޫއަށް ދިޔަ ދުވަހުގެ ޖެހިގެން އައި ދުވަހު ޚަދީޖާ ގެއިން ބޭރަށް ނުކުމެލިއެވެ. އޭނާ މަޑުކޮށްލައިގެން ހުރީ އެ ރަށު ބަނދަރުގައެވެ.

"ހުއްޓާ މީހަކު މަށަށް ގޮވާލާފަ ބުނީ، ޚަދީޖާއޭ ކަލޭގެ ކުއްޖާ ފެނިއްޖެޔޭ. މަރުވެފައޭ އޮތީ. ދެން މަށަށް ނޭނގުނު ވީ ގޮތް ވެސް. އެ ވަގުތު މަ ހިތަށް އެރި މިއަދު މަ މަރުވީ ނަމަ މާ ރަނގަޅުވީހޭ،" ޚަދީޖާގެ ބަޑި ފަޅައިގެން ދިޔައެވެ.

އެހެން ނަމަވެސް، ޚަދީޖާ ﷲއަށް ވަކީލު ކުރިއެވެ. އޭނާ ކެތްކުރިއެވެ. މިއަދު ދުނިޔޭގައި ހުރީ އޭނާއެވެ. އެހެންވީމާ، ކޮށްދެވެން އޮތް ކަމަކީ ހެޔޮ ދުއާކުރުމެވެ.

ވަގުތުން، އެތަނުގައި ހުރެފައި ޚަދީޖާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް އޭނާ އެރީ ނަމާދަށެވެ. ނަމާދަށް ފަހު، ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ތަކުރާރުކޮށް ﷲގެ ހަޒްރަތުގައި ދުއާ ދެންނެވިއެވެ.

އެއީ މިއަދު ވެސް ޚަދީޖާ ކުރާ ދުއާއެވެ. އެ ދުއާއަކީ އަރީކާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި، އޭނާ އަބަދާއިއަބަދު ކުރާ ދުއާއެއެވެ. މިއަދު ވެސް ޚަދީޖާގެ ވަށައިގެން ވަނީ އަރީކާގެ ހަނދާންތަކެވެ. ގިސްލާ ރޮމުން ޚަދީޖާ ކިޔައިދިން ވާހަކަތައް، އެކަމަށް ވަރަށް ރަނގަޅަށް ހެކިވެއެވެ.

comment ކޮމެންޓް