މިޔަންމާގައި ބިންގަނޑު ފޭބުމުގެ ހާދިސާއެއްގައި 70 މީހުން ގެއްލިއްޖެ

މިޔަންމާގެ ބިންގަނޑު ފޭބި ހާދިސާގެ ތެރެއިން ---

މިޔަންމާގެ އަވަށެއްގައި ޖަވާހިރު ނަގާ މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް، 70 މީހުން ގެއްލިއްޖެއެވެ.

މި ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ ކަޗިން ސްޓޭޓުގެ ޕަކަންތުގައި އެ ހާދިސާ ހިނގީ ޖޭޑް ނުވަތަ ޒަބަރުޖުދު ޖަވާހިރު ނަގާ މައިނެއްގައެވެ. އެވަގުތު އެތާ ހަރާކަތްތެރިވަމުން ދިޔައީ ގަވައިދާ ހިލާފަށް ޖޭޑް ނަގަމުން ދިޔަ ބައެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ކުނި ފުންޏެއް ބަންޑުން ވާން ފެށުމުންނެވެ. އެކަން ހިނގީ މިއަދު ފަތިހު އެގައުމުގެ ގަޑިން 4:00ހާއިރެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހަމަ އެ ސަރަހައްދުގައި ހިނގި ބިންގަނޑު ފޭބުމުގެ ހާދިސާއެއްގައި 10 މީހަކު ވަނީ ގެއްލިފައެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ޖޭޑް ފެންނަ ގައުމު ކަމަށްވާ މިޔަންމާގެ މައިން ތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. އަދި އެގައުމުގައި ޖަވާހިރު ނެގުމާ ބެހޭ އާ ގާނޫނެއް 2019 ވަނަ އަހަރު ފާސް ކުރި ނަމަވެސް އެގައުމުގެ މައިންތަކުގައި އެ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.

މިޔަންމާގެ ޖޭޑްގެ ވިޔަފާރީގެ އަގު އަހަރަކު 30 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް