ޕަރީފެންގަނޑު ހިމެނޭހެން ލ. އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތްކޮށްފި

ހިމާޔަތްކުރުމަށް ނިންމައިފައިވާ ލ. ގަމު ބޮޑު ފެންގަނޑަ ނުވަތަ ޕަރީ ފެންގަނޑަ-- ފޮޓޯ/ ސޯލްޓް އެންޑް ސަނީ

ދިވެހިންގެ މެދުގައި މަގްބޫލު ލާމު ޕަރީފެންގަނޑު ހިމެނޭހެން، ލ. އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ހިމާޔަތް ކުރަން ނިންމައިފައިވަނީ ލ. ގަމު ބޮޑަ ފެންގަނޑަ ނުވަތަ ޕަރީފެންގަނޑު ސަރަހައްދާއި، ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދާއި، ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދާއި، ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދުގެ އިތުރުން ލ.ގާދޫ-ހިތަދޫ ކަނޑު ސަރަހައްދު އަދި ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދެވެ.

މި ހަ ސަރަހައްދު ތިމާވެށީގެ ގޮތުން ހިމާޔަތްކުރުމަށް ނިންމައިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގައެވެ.

ހިމާޔަތްކުރުމަށް ނިންމައިފައިވާ ލ. މާބައިދޫ ކޯރު-- ފޮޓޯ/ ރާއްޕެ ފޮޓޯގްރަފާ

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ހަ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ލ. އަތޮޅަކީ ތިމާވެށިގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާކަމަށް "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަންއެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

comment ކޮމެންޓް