ރައީސް ނަޝީދަށް މަރުގެ އިންޒާރުދިން ޔާސިފް ބުނަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް

ރައީސް ނަޝީދަށް ހަމަލާ ދޭނެ ކަމަށް ބުނި މީހާ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ހ.ލައިޓްނައިޓް އިސްމާއިލް ޔާފިސްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ މިއަދު ބުނެފިއެވެ.

ޔާސިފްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ތިން ދައުވާއެއް އިއްވުމުން އޭނާ ވަނީ އެ ދައުވާތަކަށް އިންކާރު ކޮށްފައެވެ. އަދި ވަކީލަކާ ނުލައި ކުރިއަށް ގެންދަން އޭނާ ނިންމި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ, ދީބާނާޒް ފަހުމީގެ އެދުމުގެ މަތިން ޔާސިފް ވަނީ ނިންމުން ބަދަލުކޮށް ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޔާސިފްގެ މައްޗަށް ދައުވާ އުުފުލާފައިވަނީ, މިދިޔަ އަހަރުން ފެށިގެން އޭނާ ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައެވެ. އަދި ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާތީއެވެ.

އެކަމަށް ބާރުލިބޭ ހެކިތަކެއް ދައުލަތުން މިއަދު ވަނީ ހުށަހަޅާފައެވެ.

އެގޮތުން, ޔާފިސް މަސައްކަތްކުރި ކެބް ޓެކްސީގެ ވައިބާ ގްރޫޕްގައި ރައީސް ނަޝީދު މަރާލާނެ ކަމަށް ބުނި ކަން ސާބިތުކުރުމަށް ހެއްކެއް ގޮތުގައި ވަނީ މީހަކު ހުށަހަޅާފައެވެ. ފޮރެންސިކް ހެކީގެ އިތުރުން ދެން ހުށަހަޅާފައިވަނީ, ހެއްކެއްގެ ގޮތުގައި ކޯޓު އޮފިސަރުންނާއި ފުލުހުންނެވެ. ހެއްކެއްގެ ގޮތުގައި ކޯޓު އޮފިސަރު ހުށަހެޅީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދަށް އިންޒާރުދިންކަން ސާބިތު ކުރުމަށެވެ. އަދި ތަހުގީގު މަރުހަލާގައި އިންޒާރުދިންކަން ސާބިތުކުރުމަށް, ހެކިންގެ ގޮތުގައި ފުލުހުން ވަނީ ހުށަހަޅާފައެވެ.

ދައުލަތުގެ ވާހަކަތަކަށް ފަހު ޔާސިފް ބުނެފައިވަނީ, މީގެ ކުރިން އޭނާ ނަފްސާނީ ބައްޔެއް ކަމަށްވާ ޝިޒޮފްރީނިއާއަށް ފަރުވާ ހޯދާފައިވާނެ ކަމަށާއި އަދިވެސް އެކަމުގެ އަސަރު ހަށިގަނޑުން ނުފިލާ ކަމަށެވެ.

އެއާ އެކު ގަޒީ ދީބަނާޒް ފަހުމީ ވަނީ ޔާސިފްގެ ސައިކޭޓްރިކް ރިޕޯޓެއް ތައްޔާރުކުރުމަށް ދައުލަތަށް އަންގަވައިފައެވެ. އެކަމަށް ދައުލަތުން އިންކާރު ނުކުރި ނަމަވެސް, ޕީޖީގެ ވަކީލް ވިދާޅުވީ ޔާސިފްގެ ނަފްސާނީ އެއްވެސް މައްސަލައެއް މިހާރު ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގައެވެ.

comment ކޮމެންޓް