އުމަރު ޒާހިރުގެ ހަޔާތްޕުޅުން އެއް ދުވަސް: އުޅުއްވީ ތަރުތީބު ދިރިއުޅުއްވުމެއް

ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން އަށާރަ ގަޑިއިރަށްވުރެ ގިނަ ވަގުތު އުމަރު ޒާހިރު ހޭދަކުރެއްވީ އަރާމު ކޮށްލެވުމެއްނެތި ގައުމީ ހިދުމަތުގައި ކަމަށް އޭނާގެ ޚިދުމަތުގެ ހަދާންތަކުގެ މައްޗަށް ލިޔުއްވި ފޮތުގައި މަޝްހޫރު ލިޔުންތެރިޔާ ކަށިމާ އަހްމަދު ޝާކިރު ވިދާޅުވެފައިވެއެވެ.

ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރު, އިއްޔެ ވަނީ އަވަހާރަވެފައެވެ. ނަމަވެސް އޭނާގެ ހަނދާންތަކާއި ހިދުމަތްތައް މި ދިވެހި ބިމުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެއެވެ.

އެ ހިދުމަތްތަކަށް އަލި އަޅުވާލައި މީގެ ހަތް އަހަރު ކުރިން ކަށިމާ ޝާކިރު ލިޔުއްވި ފޮތަށް (އުމަރު ޒާހިރުގެ ޚިދުމަތުގެ ހަދާންތައް) ދިން ބަސްދީގަތުމެއްގައި އޭނާގެ ހަޔާތުގެ އެއް ދުވަސް ހޭދަކުރައްވާ ގޮތް ވަނީ ކިޔައިދެއްވާފައެވެ.

އުމަރު ޒާހިރު ކުޅިވަރު ހަރަކާތެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގަނޑު އަވަހަށް އަވަހާރަފުޅު ލެއްޕެވުމުގެ އާދަ ގެންގުޅުއްވި އުމަރު ޒާހިރު ފަތިހު 3:45 ހާއިރު ތެދުވެވަޑައިގަންނަވައެވެ. ގޭގައި ކުރަން ހުންނަ ކަންކަން ކުރެއްވުމަށްފަހު، 4:30ގެ ކުރިން މިސްކިތަށް ވަޑައިގެންނެވޭތޯ ބައްލަވައެވެ.

ވިއްސާރަ ކަޅުފޮއި އަނދިރި ރޭތައް ވެސް އޭނާއާ ދިމާވިއެވެ. އެކަމަކު ވެސް ވަޑައިގަންނަވަނީ ފައިމަގުގައި ހިންގަވާފައެވެ. ހިތްވަރު ކޮށްފައި މަސައްކަތް ކުރައްވަނީ ޖަމާއަތުގައި ބައިވެރިވެލެެއްވޭތޯއެވެ. ނަމާދުން އަވަދިވެގެން ގެއަށް ވަޑައިގެން ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަޑުއެއްސެވުމަކީ އެއީ އާދައެއް ކަމުގައި ހެެއްދެވޭތޯ މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު އަނެއްކާ ވެސް އޮށޯއްވެލައްވައެެވެ.

ދެން ތެދުވެވަޑައިގަންނަވަނީ ހެނދުނު 8:30 ގައެވެ. ހެނދުނު ތެދުވެ ތައްޔާރުވެލައްވައިގެން ސައިބޮއި ހެއްދެވުމަށްފަހު ރައްޓެހި ރަޙުމަތްތެރީންނާ ފޯނުން ބައްދަލު ކުރައްވައެވެ.

ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު --

ރަހުމަތްތެރިންނާ އޮންނަ އެ ގާތްކަމާއި އެކުވެރިކަން ދެމެހެއްޓޭތޯ އަބަދުވެސް މަސައްކަތް ކުރެއްވިއެވެ. ހެނދުނު 10 ޖަހަންދެން ރަހުމަތްތެރީންގެ އަޑުތައް އެއްސެވުމަށްފަހު، ހެނދުނު 10 ގެ ހަބަރު އަޑު އައްސަަވައެވެ. އެއަށްފަހު 11 ޖަހަންދެން ރޭޑިޔޯ، އާއި ޓީވީގެ ޕްރޮގްރާމްތައް އަޑުއައްސަވައި، ބައްލަވަން ވަގުތު ހޭދަކުރެއްވުމަށްފަހު 11 ޖެހުމުން ތައްޔާރުވެލައްވައިގެން ވަޑައިގަންނަވަނީ މެންދުރު ނަމާދަށް މިސްކިތަށެވެ.

ކޮންމެ ދުވަހަކު ވެސް ގަޑިން އެކެއް ޖަހާއިރު މެންދުރު ފަރިއްކުޅުއްވައެވެ. ފަރިއްކުޅުއްވުމަށްފަހު އަނެއްކާ ވެސް ޚަބަރު އަޑުއައްސަވަން ވަގުތުކޮޅެއް ހުސްކޮށްލައްވައެވެ. އޭގެފަހުން ކުޑަކޮށް އަރާމު ކޮށްލެއްވުމަށްފަހު، ދެން އޮންނާނި އަސުރު ނަމާދެވެ. ކޮންމެ ވަގުތަކު ވެސް މިސްކިތަށް ނަމާދަށް ވަޑައިގެން އުޅުއްވާތީ މިސްކިތުގައި ވެސް އޭނާގެ ވަރަށް ގިނަ ރަޙުމަތްތެރިން ތިބެއެވެ.

ކޮންމެ ނަމާދު ގަޑިއެއްގައި އެ މީހުންނާ ބައްދަލުވާކަން އެއީ ވެސް ކުޑައުފަލެއް ނޫން ކަމަށް އުމަރު ޒާހިރު ވިދާޅުވެފައިވެއެވެ.

ހަވީރުގެ ވަގުތުކޮޅު ވެސް ތަފާތު ޕްރޮގްރާމްތައް އަޑު އައްސަވަން ގޭގައި މަޑުކުރައްވައިފައި، މަޣުރިބު ނަމާދާއި، ޢިޝާނަމާދަށް ތައްޔާރުވެލައްވައެވެ. އޭގެ ފަހުން ރޭގަނޑު ފަރިއްކުޅުއްވުމަށްފަހު، ތިމާގެ މީހުންނާއި، ރަޙުމަތްތެރިންނާ ބައްދަލުކުރައްވަން ބޭރަށް ނުކުމެވަަޑައިގަންނަވައެވެ. އަދި ޕާޓީ އޮފީހަށް ގޮސް ކެމްޕޭން ދުވަސްވަރެއްގައިނަމަ ތަންކޮޅެއް ގިނަވަގުތު އެތަނުގައި ހޭދަކުރައްވައެވެ. ޕާޓީގެ ފަރާތުން އަތޮޅުތަކުގެ ރަށްރަށަށް ކުރާ ދަތުރު ތަކުގައި ވެސް ބައިވެރިވެ އުޅުއްވައެވެެ.

ރައީސް މައުމޫނުގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އުމަރު ޒާހިރު އެމްއާރުއެމަށް ސޮއި ކުރައްވަނީ --- ފޮޓޯ: އެމްއާރުއެމް

އެއީ މީގެ ހަތް ވަރަކަށް އަހަރު ކުރިން އުމުރުފުޅުން 79 އަހަރުގައި އުމަރު ޒާހިރުގެ ހަޔާތްޕުޅުން އެއް ދުވަސް ހޭދަކުރެއްވި ގޮތް ކަމަށް ވިދާޅުވެ ކަށިމާ ޝާކިރަށް ކިޔައިދެއްވާފައިވާ ގޮތެވެ.

އެ އުމުރުގައި އެހާ ހަރަކާތްތެރިކޮށް އުޅުއްވި ސަބަބު ވެސް އުމަރު ޒާހިރު ކިޔައިދެއްވާފައިވެއެވެ.

"އުމުރުގެ މިހާހިސާބުގައި ގެއިން ނުނިކުމެ ގޭގައި އަބަދު ބޮޑު ފިކުރެއްގެ ތެރޭގައި އޮތުމަކީ ޞިއްޙީ ގޮތުން އެންމެ ރަނގަޅު ގޮތަކަށް ނުވާނެތީ މިހާރުވެސް އުޅެވޭތޯ މި މަސައްކަތް ކުރެވެނީ ވީހައި ހަރަކާތްތެރި ކޮށެވެ." މީގެ ހަތް އަހަރު ކުރިން އުމަރު ޒާހިރު ވިދާޅުވެފައިވެއެވެ.

އުމަރު ޒާހިރުގެ އެދުވަސްވަރުގެ ތާވަލު ރާއްވަވައިފައިއޮތް
ގޮތް އަޑުއައްސަވައިފައި ފޮތުގެ މުސައްނިފު ކަށިމާ ޝާކިރު ވެސް ހައިރާންވެލެއްވިއެވެ.

"އަޅުގަނޑު ހިތަށްއެރިއެވެ. މިޒަމާނުގެ ޒުވާން ކުދީންނަށްވެސް މިހައިވަރަށް ހިތްވަރު ކުރެވިދާނެ ބާވައެވެ."

comment ކޮމެންޓް