އުމަރު ޒާހިރު އަވާހަރަވެއްޖެ

ޖޫން 13، 2019: ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން ރާއްޖޭގައި ބޭއްވި "ތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުން"ގެ ބައްދަލުވުމުގެ ތެރެއިން އުމަރު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ވަޒީރު އުމަރު ޒާހިރު، އުމުރުފުޅުން 85 އަހަރުގައި އަވާހަރަވެއްޖެއެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމަރު ޒާހިރުގެ ގާތް ބޭފުޅަކު މީގެ ކުރިން "ސަން"އަށް ވިދާޅުވީ އޭނާގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމަށެވެ.

މިމަހުގެ ކުރީކޮޅު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން އުމަރު ޒާހިރު އުޅުއްވީ އާލާސްކަންފުޅާއެވެ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަކީ އޭނާގެ އަމިއްލަ ހަރަދުގައި ބިނާ ކުރެއްވި މިސްކިތް ހުޅުވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އުމަރު ޒާހިރު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ. އޭނާ ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިއެވެ. އަދި އޭނައަކީ ދިވެހި ދައުލަތުން ނިޝާން އިޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް އޭނާ ވަނީ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. އެގޮތުން، މައުމޫނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވަނީ ފުރުއްވާފައެވެ.

ހަމައެހެންމެ އޭނާއަކީ، ދިވެހި ފުޓުބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވީ އޭނާއެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް 1960ގައި ކުރެއްވި މަސައްކަތްތަކުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ.

ހަމައެހެންމެ، މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރެއްގެ މަގާމުވެސް އުމަރު ޒާހިރު ވަނީ އަދާކުރައްވާފައެވެ. މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު ހިންގުމުގެ މޭސްތެރިއެއްގެ ގޮތުގައި ވެސް އޭނާ ހުންނެވިއެވެ. އަދި ހުޅުމާލޭގެ އިތުރުން ތިލަފުށީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް އޭނާ ވަނީ އެހީތެރިވެދެއްވާފައެވެ.

comment ކޮމެންޓް