ޝައިޚް ހަސީނާ މަޖިލީހުގައި ތަގުރީރުކުރައްވަން ދައުވަތު ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާތީ، އެކަމަނާއަށް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ދައުވަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މިކަން ފާސްކޮށްފައިވަނީ، މިކަމަށް ޓަކައި މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައެވެ.

މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށާއި ތަގުރީރު ކުރެއްވުމަށް ޝައިހް ހަސީނާއަށް ދައުވަތު ދިނުމަށް މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާއަށް ވަޑައިގެންނެވި 44 މެންބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ޝައިޚް ހަސީނާއަށް ދައުވަތު ދެއްވައި ޖަލްސާއަށް، ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރަށް ހިދުމަތް ކުރައްވާ ގިނަ ބޭފުޅުންގެ އިތުރުން ސްކޫލު ދަރިވަރުންނަށް ވެސް ދައުވަތު އަރުވާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިވަނީ ހަމައެކަނި ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޝައިޚް ހަސީނާއަކީ އަބަދުވެސް ދިވެހިން ލޯބިވާ، އަދި ދެކިލަން ބޭނުންވާ ލީޑަރެއް ކަމަށެވެ.

"އެމްޑީޕީން ދަންނަވަން ޖެހޭނީ އަވަހަށް އެކަމަނާއަށް ދައުވަތު ދީ އަދި މި މަޖިލީހަށް ޒިޔާރަތްކޮށް، މަޖިލީހުގައި ތަގްރީރުކުރުމަކީ އަޅުގަނޑުމެން އެމްޑީޕީގެ ވަރަށް ބޮޑު އެދުމެކޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކައިގައި ވަނީ އިދިކޮޅު ކޯލިޝަނުން އަވައްޓެރި އިންޑިއާއާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕެއިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަދި މި ކެމްޕެއިނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އެމަނިކުފާނު އެ ކުރައްވަނީ އަޅުގަނޑުމެން އާދައިގެ ރައްޔިތުންނަށް އުނދަގުލެއް، ދަތިކަމެއް ތަކުލީފެއް، ދަތިކަން ފޯރުކޮށްދިނުމުގެ ވިސްނުމުގަ ކުރައްވާ މަސައްކަތެއް،" އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްއެންޕީ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ބަންގްލަދޭޝްއަކީ އިންޑިއާ އާ ޗައިނާއާއެކުގައި ވެސް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި އެއީ ޓެރަރިޒަމަށް ވެސް ޒީރޯ ޓޮލަރެންސް ދޭ ގައުމެއް ކަމަށެވެ.

ހަމައެހެންމެ 1978 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް، މަޖިލީހުގައި ތަގުރީރު ކުރައްވަން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް މީގެ ކުރިން ފުރުސަތު ނުދެވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް