ނަރުދޫގެ ބަނދަރު، ވަދެ ނިކުމެ ހެދުމުގައި ނުރައްކާ ބޮޑު!

ށ. ނަރުދޫ ބަނދަރު--- ފޮޓޯ/ނަރުދޫ ކައުންސިލް

ށ. ނަރުދޫގެ ނެރުން ދެ ޑިންގީ ނެރެން އުޅުނު ބިރުވެރި ވީޑިއޯއެއް ފޭސްބުކުގައި މިވަނީ ވައިގައި ހިފައިފައެވެ. ފެންނަ މަންޒަރުން ވެސް ބިރުން ހިތް ފަޅައިގެންދާ ވަރުވެއެވެ. ބަނދަރު ތެރެއަށް ނަގާ ބިޔަ ރާޅުބާނީގެ ސަބަބުން އެ ދެ ޑިންގީ ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހާލައިފާނެ ހެންނެވެ.

ށ. ނަރުދޫގެ ބަަދަރުގެ ހަލާތައި ރަށުގެ ރައްޔިތުން އުފުލަމުންދާ ބުރަ އޮޅުން ފިލުވާލުމަށް "ސަން"އިން ނަރުދޫގެ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދުއާ ގުޅައި މައުލޫމާތު އޮޅުން ފިލުވައިލީމެވެ.

ނަރުދޫގެ ބަނދަރަށް ދިމާވެފައިވާ މައްސަލައަކީ ރަށުގެ ފުއްޓަރާ ދިމާލަށް ނެރު ހެދުމުގެ ސަބަބުން އިރުވައިގެ ގަދައިގައި ހެދޭ ބިޔަ ރާޅު ބަނީތައް ރަށުގެ ފަޅުތެރެއަށް ވަނުމުގެ ސަބަބުން ފަޅުތެރެ ގަދަވެގެން ދިމާވާ މައްސަލައެވެ. އަދި ބަނދަރުގެ އެއްފަރާތު ކަނަށް ވެލި އެޅި، ރަށުގެ ބަނދަރު ތިލަވުމުގެ ސަބަބުންވެސް ރަށުގެ ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލާކަމަށް ވެސް މުސްތަރުސިދާ ވިދާޅުވިއެވެ.

"އަނެއްކާ ރަށުގައި މާލެ ދަތުރުކުރާ ބޯޓަށް ވެސް މިވާގޮތަކީ ދިޔަވަރަށް ބަލާފަ ފުރަން އެނގެނީ ވެސް. އެމީހުންނަށް ވަދެވެނީވެސް. މުދާ ބާލަންވެސް ދިޔަވަރު ހިކި ވަގުތަކާއި ދިމާވެއްޖެއްޔާ ބަނދަރުން، ފަޅުން ބެރުގަ އޮންނަންޖެހެނީ. ދެން އިތުރަށް ކުޑަ ޑިންގީއެއްގަ ޖެހެނީ މުދާ ބާލަން" މުސްތަރުސިދު ވިދާޅުވިއެވެ.

https://www.facebook.com/maldiviansystem/videos/235892575211427/

ކުރިން ދިޔަވަރަށް ބަލައިގެން ބަނދަރު ކޮންމެވެސް ވަރަކަށް ބޭނުން ކުރެވުންނަމަވެސް މިހާރު އިރުވައި މޫސުން އައުމުން އެއްގޮތަކަށްވެސް ބަނދަރު ބޭނުން ނުކުރެވޭ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ށ. ނަރުދޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކޮންމެވެސް ވަރަކަށް މަސައްކަތްތުރި ނަމަވެސް ރައްޔިތުންނާއި ގުޅޭ މިކަހަލަ ބޮޑު މައްސަލައެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން އަޅާލަންޖެހޭ ވަރަށް އަޅާލެވެފައި ނެތްކަމަށްވެސް މުސްތަރުސިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްލޭނިން މިނިސްޓްރީއަށްވެސް ރައީސް އޮފީހަށްވެސް ދެ ފަހަރުމަތިން ސިޓީގައި ވަރަށް ބޮޑަށް ދިމާވާ ދަތިކަން ފާހަގަކޮށްފައި ހުންނާނެ" މުސްތަރުސިދު ވިދާޅުވިއެވެ.

އާބާދީގައި ހަ ސަތޭކައެއްހައި މީހުން ދިރިއުޅޭ ނަރުދޫގެ ބަނދަރު ސާރވޭ ކުރުމަށް އެމްޓީސީސީގެ ފަރާތުން ޓީމެއް އައިސް ސާވޭ ކުރިކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަނދަރު މަރާމާތު ކުރުމުގެ މައަސައްކަތް އެމްޓީސީސީއާ އަދި ހަވާލުކޮށްފައިވާކަން އެނގިފައި ނުވާކަމަށެވެ.

ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ނަރުދޫގައި ވެސް ދަނީ ހިނގަމުންނެވެ. ށ. ނަރުދޫގެ ބަނދަރުގެ ދަތިތަކުގެ ސަބަބުން މި ޕްރޮޖެކްޓުތަކަށް ވެސް ދަތިކަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ށ. ނަރުދޫ ބަނދަރު--- ފޮޓޯ/ނަރުދޫ ކައުންސިލް

"އެހެންވީމަ ވާގޮތަކީ އިމާރާތްކުރުމަށާއި ޕްރޮޖެކްޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުވެސް އަންނާނެ ދެއްތޯ. މި ތަކެތި ރަށަށް އައުމުގަ ބޮޑެތި އުޅަނދު ފަހަރު ދެއްތޯ އަންނާނީ. ބަނދަރު މި އޮތްގޮތުން އެ އުޅަނދުފަހަރު އައިސް ރަށަށް މުދާ ބެލުމުގައި ވަރަށް ދަތިވާނެ. އެހެންވީމަ ބަނދަރު ގެ ބޭނުން އެންމެ ބޮޑަށް ހިފަން ޖެހިފައިވާ ދަނޑިވަޅެއްގަައި މި ބަދަރު ދަތިކަން ދިމާވީމަ އެންމެ ބޮޑަށް މީގަ ދަތީ" މުސްތަރުސިދު ވިދާޅުވިއެވެ.

ރަށަށް ދަތުރުކުރަމުން އަންނަ ފެރީ، ބަނދަރުގެ ހާލަތު އޮންްނަ ގޮތުގެ ސަބަބުން ބަނދަރަށް ވަނުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް ވެސް ވިދާޅުވިއެވެ. އަދި މީހުން އަރައި ފޭބުމަށް އިތުރު އުޅަނދުތައް އޮންނީ ބޭނުން ކުރަންޖެހިފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ށ. ނަރުދޫގެ ބަނދަރަކީ 2009ވަނަ އަހަރު އައިމާ ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހެދިފައިވާ ބަނދަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް