ނަރުދޫ ބަނދަރު މަޝްރޫއު ނުނިމެނީސް ސާމާނުތައް ގެންދަން އުޅުމުން ހުއްޓުވައިފި

ނަރުދޫ ބަނދަރު މަޝްރޫއު ނުނިންމައި ސާމާނުތައް ގެންދަން އުޅުމުން އެ ރަށު ކައުންސިލުންވަނީ އެ ކަން ހުއްޓުވާފައި -- ފޮޓޯ/ އެކްސް

ށ. ނަރުދޫގެ ބަނދަރު ހެދުމަށް އެމްޓީސީސީން އެ ރަށަށް ގެނައި ސާމާނު މަޝްރޫއު ނުނިމެނީސް ގެންދަން އުޅެނިކޮށް، އެ ރަށު ކައުންސިލުން އެކަން ހުއްޓުވައިފިއެވެ.

ނަރުދޫ ކައުންސިލްގެ މެންބަރު މުޙައްމަދު މަދީހު "ސަން"އަށް ވިދާޅުވީ ބަނދަރު ހެދުމަށް ޓަކައި އެ ރަށަށް ގެނެސްފައި ހުރި ސާމާނު ގެންދަން އުޅޭކަން އެނގުމާ އެކު ކައުންސިލުން އަންގައިގެން އެކަން ހުއްޓުވާފައިވާ ކަމަށެވެ. މިކަން ހިނގީ މިއަދު ހެނދުނު 11 ހާއިރު ކަމަށް މަދީހު ވިދާޅުވިއެވެ.

ނަރުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ 2023ވަނަ އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހުގައެވެ. މިހާރު އެ މަޝްރޫއުގެ ބޮޑުބައި ނިމިފައި އޮތަސް، ބަނދަރު ފުންކުރަން ކޮނެފައި އޮތް ގޮތުގެ ސަބަބުން ބަނދަރު ތިލަވެފައިވާ ކަމަށް މަދީހު ވިދާޅުވިއެވެ. އޭގެ ސަބަބުން އެ ބަނދަރު ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  • 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ތިބި ނަރުދޫގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ 41.34 މިލިއަން ރުފިޔާއަށެއެވެ.

comment ކޮމެންޓް