އެފްއެސްއެމް ގޮތަށް އޮޕަރޭޓު ކުރެވޭނީ ރާއްޖޭގެ މަދު ކުންފުންޏަކަށް: އަމްރު

އެސްޓީއޯ ގްރޫޕްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ އޮޕަރޭޝަނަކީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ބޮޑު އޮޕަރޭޝަނެއް ކަމަށާއި އެގޮތަށް އޮޕަރޭޓު ކުރެވޭނީ ރާއްޖޭގެ މަދު ކުންފުންޏަކަށް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ އެކުންފުނިން ދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކާ އެކީގަ ގާތްގަނޑަކަށް 300 ރަށަށް މެދުކެނޑުމެއް ނެތި ކަނޑުމަގުން ތެޔޮ ފޯރުކޮށްދެމުން ކަމަށެވެ.

ހަމައެއާއެކު، ރާއްޖެއަކީ ކުޑަ ގައުމެއް ނޫން ކަމަށާއި މީހުން ދިރިއުޅޭ ހިކިފަސް ތަންތަން މަދު ނަމަވެސް ކަނޑާ އެއްކޮށްލުމުން ރާއްޖެ ސިންގަޕޫރަށް ވުރެ ބޮޑު ވާނެކަން އަމްރު ފާހަގަކުރެއްވިއެވެ.

"ރައްޖޭގަ 99 ޕަސެންޓް ގާތްގަނޑަކަށް މި އޮންނަނީ ކަނޑު. އެހެންވީމަ ރާއްޖޭގެ ގިނަ ކުންފުނިތައް މި އޮޕަރޭޓް ކުރަނީ ހިކިފަސް ތަންކޮޅުތަކުގަ. އެހެން ނަމަވެސް އެފްއެސްއެމްއިން އޮޕަރޭޓް ކުރަނީ އަނެއް 99 ޕަސެންޓްގައި. އެހެންވީމަ އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތަކީ ހަގީގަތުގަވެސް ވަރަށް ބޮޑު މަސައްކަތެއް،" އަމްރު ވިދާޅުވިއެވެ.

އެފްއެސްއެމްއިން މި ބޮޑު އޮޕަރޭޝަން ހިންގަމުން ދާއިރު އެއްވެސް ރަށަކަށް، އެއްވެސް އިރަކަށް ތެޔޮ މަދު ނުވާ ގޮތަށް އެ ކުންފުނިން ހިދުމަތް ދެމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

"އެއީ އެފްއެސްއެމްގެ ހީވާގި މުވައްޒަފުންގެ ވަރަށް ބޮޑު މަސައްކަތެއް. އެހެން މި ދަންނަވަނީ، އާއްމުކޮށް މި ރަށްރަށުގަ ނުހުރޭ ބޮޑެތި ތާނގިތަކެއް ހެދިފައެއް. ބައެއް ރަށްރަށަށް އެބަ ގެންދަންޖެހޭ ދެ ދުވަހުން އެއްދުވަހު ތެޔޮ. އަނެއްބައި ރަށްރަށަށް ތިން ދުވަހުން އެއް ދުވަހު،" އަމްރު ވިދާޅުވީ އެވެ.

އެފްއެސްއެމްގެ އައު ޔުނިފޯމް -- ފޮޓޯ: އެފްއެސްއެމް

މީގެ އިތުރުން، ވިއްސާރަވެ، ކަނޑުދަތުރު ނުކުރުމަށް ރަތް ސަމާލު ނެރުނު ނަމަވެސް އެފްއެސްއެމްގެ ތެޔޮ އޮޕަރޭޝަން ބަރާބަރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރު ވެސް މުވައްޒަފުން ކުރި މިންނެތް މަސައްކަތް އަމްރު ފާހަގަކުރެއްވިއެވެ.

"ޕޮޒިޓިވްވެގެން ތެޔޮ ނުގެންދެވިފަ ހުރެގެނެއް ނުވާނެކަން ވަރަށް ސާފުކޮށް ހުރިހާ މުވައްޒަފުންނަށް ވެސް އެނގޭނެ. އެހެންވީމާ ބާޖުތަކުން އެއްގޮތަކަށް ވެސް ނުފައިބާ، ތެޔޮ އަޅައިގެން ގޮސް ރަށްރަށަށް ތެޔޮ ސަޕްލައި ކުރަމުން ދިޔައީ،" އަމްރު ވިދާޅުވިއެވެ.

https://sun.mv/160256

އެ ކުންފުނީގެ ލޯގޯ 21 އަހަރު ފަހުން ބަދަލު ކުރުމުން، ރެއަކީ ވަރަށް ތާރީހީ ރެއެއް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެސްޓީއޯ ހިންގުމާ އޭނާ ހަވާލުވެވަޑައިގަތްތާ ތިން އަހަރު ފާއިތުވި އިރު، އެފްއެސްއެމްގެ ހިންގުމަށް ވަރަށް ބޮޑެތި ހެޔޮ ބަދަލު ތަކެއް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއެސްއެމްއިން ރޭ އިފްތިތާހު ކުރި އައު ލޯގޯގެ ބައްޓަމުން ރަމްޒުކޮށްދެނީ ހައިޑްރޯކާބަންގެ ކެމިކަލް ކޮމްޕައުންޑުގެ ބައްޓަން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ލޯގޯއިން ފެންނަ ނޫކުލައިން ރާއްޖޭގެ ކަނޑުތައް ރަމްޒުކޮށްދޭ އިރު، އޮރެންޖު ކުލައިން ރަމްޒުކޮށް ދެނީ ކުންފުނިން ވިއްކާ ތެލުގެ ބާވަތްތަކެވެ. އެ ލޯގޯގެ ހުދު ރޮނގުތަކުން ރަމްޒުކޮށް ދެނީ އެފްއެސްއެމްއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެފްއެސްއެމްގެ އައު ލޯގޯއާ އެކު، އެ ލޯގޯ ޖަހާފައިވާ އައު ދިދަ އާއި ޔުނިފޯމްވެސް ރޭ ވަނީ ދައްކާލާފައެވެ. އެ ދިދަ އިފްތިތާހުކޮށް ދެއްވީ އެފްއެސްއެމްގެ ޗެއާމަން އަބްދުލް ވާހިދު މޫސާ އެވެ.

އެ ލޯގޯއާ އެކު އެފްއެސްއެމްގެ ޝިއާރު ވަނީ "ފިއުލިން ދަ ނޭޝަން" ނުވަތަ "މުޅި ދީބަށް ހަކަތަ"އަށް ބަދަލުކޮށްފައެވެ. އަދި އައު ޝިއާރާ އެއްގޮތަށް ކުންފުނީގެ ލަވަ ވެސް ވަނީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް