އެފްއެސްއެމް ރީބްރޭންޑްކޮށް، މަލަމަތި ބަދަލުކޮށްލައިފި

އެފްއެސްއެމްގެ އައު ޔުނިފޯމާއި ދިދަ -- ފޮޓޯ: އެފްއެސްއެމް

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ރީބްރޭންޑްކޮށް، އައު ލޯގޯއަކާއި ދިދައަކާއި ޝިއާރެއް އިފްތިތާހުކޮށްފިއެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ރޭ ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފައެވެ. އެ ހަފްލާގައި ކުންފުނީގެ އައު ލޯގޯ އިފްތިތާހުކޮށްދެއްވީ ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

އެފްއެސްއެމްއިން ބުނީ އައު ލޯގޯގެ ބައްޓަމުން ރަމްޒުކޮށްދެނީ ހައިޑްރޯކާބަންގެ ކެމިކަލް ކޮމްޕައުންޑުގެ ބައްޓަން ކަމަށެވެ. އަދި ލޯގޯއިން ފެންނަ ނޫކުލައިން ރާއްޖޭގެ ކަނޑުތައް ރަމްޒުކޮށްދޭ އިރު، އޮރެންޖު ކުލައިން ރަމްޒުކޮށް ދެނީ ކުންފުނިން ވިއްކާ ތެލުގެ ބާވަތްތަކެވެ. އެ ލޯގޯގެ ހުދު ރޮނގުތަކުން ރަމްޒުކޮށް ދެނީ އެފްއެސްއެމްއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އައު ލޯގޯ ފަރުމާ ކޮށްފައި ވަނީ އެ މަސައްކަތުގެ ބިޑު ކާމިޔާބު ކުރި ޕަބްލިސިޓީ ބިއުރޯއިން ކަމަށެވެ. އެއާއެކު އޭނާ ވަނީ ފާއިތުވި 21 އަހަރު އެ ކުންފުނިން ބޭނުން ކުރި ލޯގޯ ފަރުމާ ކުރި ކުންފުންޏަށާއި އެފްއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޒަމީރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ގަސަމް ވިދާޅުވީ އެފްއެސްއެމް ރީބްރޭންޑް ކުރުމުން، އިއްޔެއަކީ އެ ކުންފުންޏަށް އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.

"މިއަދަކީ އެފްއެސްއެމްގެ ހަޔާތުގައި އަންނާނެ އުފާވެރި ދުވަސްތަކުގެ ތެރެއިން އެއް ދުވަސް. ކުންފުނީގެ މޫނުމަތި ބަދަލުވެ ކުންފުނީގެ ދުވެލި އިތުރަށް ބާރު ކުރަން ކަމަރު ބާރު ކުރާ ރޭ. ވޭދުވެދިޔަ ތިން އަހަރު ދުވަހު ތެރޭގައި ކުންފުނީގެ ވިޔަފާރި ފުޅާ ކުރަން އެތަކެއް މަސައްކަތްތަކެއް ކުރެވިފައިވާ ކަމީ އުފާ ކުރާ ކަމެއް،" ގަސަމް ވިދާޅުވިއެވެ.

އެގޮތުން އެފްއެސްއެމްގެ މާލޭ ހެޑް އޮފީހާއި ތިލަފުށީ އޮފީސް މަރާމާތުކޮށް، އައްޑޫގައި ތެޔޮ ރައްކާ ކުރެވޭ މިންވަރު އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުނިން އިތުރު ތިން ބާޖު ގެނައުމުގެ އެންމެ ފަހު މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އަޅާ ސެލްފް ސާވިސް ޝެޑުގެ ބީލަން ހުޅުވާލުމަށް އެންމެ ފަހު ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު އެފްއެސްއެމްއަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ލިބުނު ނަމަވެސް މިދިޔަ އަހަރު ކޮވިޑް ބަލިމަޑުކަމުގެ ސަަބަބުން ވިޔަފާރިއަށް ބުރޫ އެރިކަން ގަސަމް ފާހަގަކުރެއްވިއެވެ.

"ދެހާސް ވިހި ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުވެ، ރިޒޯޓުތަކުގެ ވިޔަފާރި ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ވިޔަފާރިއެއް ނުކުރެވުނު. އެހެން ނަމަވެސް އެ ހާލަތުގައި ވެސް ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް ގެއްލުމަކާ ނުލައި އަހަރު ނިންމާލެވުނު ކަމީ އެކަމަށްޓަކާ އުފާ ކުރާ ކަމެއް،" ގަސަމް ވިދާޅުވިއެވެ.

ހަމައެއާއެކު، އެފްއެސްއެމްގެ ހުރިހާ މުވައްޒަފުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް އަމަލު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް އެފްއެސްއެމްއިން މިހާރު ކޮށްފައިވާ ކަމަށާއި، މި މަހުގެ މުސާރަ ދޭނީ އެންމެ ކުޑަ އުޖޫރައިގެ މިންގަނޑާ އެއްގޮތަށް ކަމަށް ގަސަމް ވިދާޅުވިއެވެ.

"ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް ގެންނަ ބަދަލާއެކު އެފްއެސްއެމްގެ 185 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ،" ގަސަމް ވިދާޅުވިއެވެ.

އެފްއެސްއެމްގެ އައު ލޯގޯއާ އެކު، އެ ލޯގޯ ޖަހާފައިވާ އައު ދިދަ އާއި ޔުނިފޯމްވެސް ރޭ ވަނީ ދައްކާލާފައެވެ. އެ ދިދަ އިފްތިތާހުކޮށް ދެއްވީ އެފްއެސްއެމްގެ ޗެއާމަން އަބްދުލް ވާހިދު މޫސާ އެވެ.

އެ ލޯގޯއާ އެކު އެފްއެސްއެމްގެ ޝިއާރު ވަނީ "ފިއުލިން ދަ ނޭޝަން" ނުވަތަ "މުޅި ދީބަށް ހަކަތަ"އަށް ބަދަލުކޮށްފައެވެ. އަދި އައު ޝިއާރާ އެއްގޮތަށް ކުންފުނީގެ ލަވަ ވެސް ވަނީ ބަދަލުކޮށްފައެވެ.

އެ އައު ލަވައިގެ ޅެން ހެދީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. އަދި މިއުޒިކް ހެދީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ. ރޭގެ ހަފްލާގައި ކުޑަ އިއްބެ އާއި އައިޝަތު ޖޫނީ ވަނީ އެ ލަވަ ހުށަހަޅައިދީފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ތެޔޮ ފޯރުކޮށްދިނުމަށް 2000 ވަނަ އަހަރު އުފެއްދި އެފްއެސްއެމްގެ ހިދުމަތްތައް ފެށީ ހަތަރު ލަކުނޑި ދޯންޏާއި ހަ ބައުޒަރާއި 269،000 ލީޓަރުގެ ސްޓޯރޭޖާ ކެޕޭސީޓީ އާއި 50 އަކަށް މުވައްޒަފުންނާ އެކުގައެވެ. މިހާރު އެ ކުންފުނީގެ ސްޓޯރޭޖު ކެޕޭސިޓީ ވަނީ 18.5 މިލިއަނަށް އިތުރުކޮށްފައެވެ. އަދި އެ ކުންފުނީގެ 23 އުޅަނދާއި ތެޔޮ ސަޕްލައި ކުރާ 12 ބައުޒަރު އޮތް އިރު ކުންފުނީގެ މުވައްޒަފުންގެ އަދަދު 485އަށް އަރައެވެ.

comment ކޮމެންޓް