ޖެންޑާ މިނިސްޓްރީގެ 21 މުވައްޒަފަކު ވަކިކުރަން ދިން ނޯޓިިސް ބާތިލްކޮށްފި

ވަޒީފާއިން ވަކިކުރުން ނިންމި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން އިދިކޮޅު ޕީޕީއެމްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެ އޮފީހުގައި ---

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ 21 ސިވިލް ސާވިސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަަށް ދިން ނޯޓިސް ބާތިލްކޮށްފިއެވެ.

އެ މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރަން ނިންމީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ.

ވަޒީފާއިން ވަކިކުރުމަށް ދިން ނޯޓިސް ބާތިލްކޮށްފައިވާ ކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

އެ މުވައްޒަފުން ވަކިކުރަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ފަހުން ޖެންޑާ މިނިސްޓްރީން ހުޅުވި އަމާން ހިޔާއަށް ބަދަލުކުރުމާއެކު ވިލިމާލެ ކުޑަކުދިންގެ ހިޔާ ބެލެެހެއްޓުމަށް ބޭނުންކުރާ މުވައްޒަފުން މަދުކުރުމަށެވެ.

ކުޑަކުދިންގެ ހިޔާ މީގެ ކުރިން ހުސްކުރުމަށްފަހު ވެސް އެ ތަނުގައި ތިބި މުވައްޒަފުންނަށް ނޯޓިސް ދިނެވެ. އެގޮތުން 71 މުވައްޒަފަކަށް ނޯޓިސް ދީ މިނިސްޓްރީގެ ތެރެއިން ވެސް ވަޒީފާގެ ފުރުސަތު ދީފައިވެއެވެ. ނަމަވެސް މި ފަހަރު ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަށް ނޯޓިސް ދިނީ ސިވިލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކަކާއެކުކަމަށެެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ބަލަހައްޓަަމުން އަންނަ ކުޑަކުދިންގެ ހިޔާގެ އަމާންކަން ގެއްލި މި އަހަރުގެ ތެރޭ އެ ތަނުގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ކުދިންގެ އަހްލާގީ ފެންވަރު ދަށްވެ ގިނަ މައްސަަލަތަކެއް ވެސް ވަނީ ފާހަގަވެފައެވެ. ހަމައެއާއެކު އަލިފާނުގެ ތިން ހާދިސާއެއް ވެސް އެތަނުގައި ވަނީ ހިނގާފައެވެ.

އެއާއެކު ޖެންޑާ މިނިސްޓަރަށާއި މިނިސްޓްރީގެ އިސްވެރިންނަށް ގިނަ ފާޑު ކިޔުންތަކެއްވަނީ އަމާޒުވެފައެވެ. އަދި އެ މިނިސްޓްރީއަށް މައްސަަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމުގެ އަޑުތައްވަނީ ގަދަވެފައެވެ.

comment ކޮމެންޓް