ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހު ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު, މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން މިއަދު ވަނީ ހުޅުވާލާފައެވެ. އެކަމަށް ޝައުގުވެރިވާ މީހުން, ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުގެ 16:00 ކުރިން އެ ޕާޓީގެ އީމެއިލް ([email protected])އަށް ފޮނުވުމަށް ވަނީ އެދިފައެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 27 ވާ އަންގާރަ ދުވަހު ހެނދުނު 10:00އިން ހަވީރު 5:00އަށް އެދާއިރާއެއްގެ ރަށްރަށުގަ އާއި މާލޭގެ އެމްޑީޕީ ހަރުގޭގައެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.
އޭނާ އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައެވެ.