ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އީގަލްސްއިން ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކްލަބު އީގަލްސް — ފޮޓޯ: އެމްޕީބީއޭ

ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ކްލަބު އީގަލްސް އިން ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ޓީމު އިވެންޓުގެ ފައިނަލު މެޗު ބައްލަވާލައްވައި, އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމަނިކުފާނާއެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ރޭ ވާދަކުރީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. އެ މެޗުން މޮޅުވެ, އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އީގަލްސް އިންނެވެ. އެއް ފަހަރާ ފަސް ގޭމު ފެށި އެ މެޗުގައި ނިމުނު ފުރަތަމަ ތިން ގޭމުން ވެސް އީގަލްސް މޮޅުވުމާއެކު އެ މެޗު ލިބުނީ އެޓީމަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދި އިރު, ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދެވެ. މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ ހޯދި އިރު, ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒާއި އަލީ ޝާވިންއެވެ.

އެ މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކްލަބު އީގަލްސްއަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ

comment ކޮމެންޓް