އާޖެންޓީނާގެ ތަރި އަގުއޭރޯ ފުޓުބޯޅައިން ރިޓަޔާކޮށްފި

އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޯ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ފުޓްބޯޅައިން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާނުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން ---

އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޯ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ފުޓްބޯޅައިން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާއަށް ބަދަލުވި އާޖެންޓީނާގެ ސްޓްރައިކަރު ސާޖިއޯ އަގުއެރޯއަށް ސީޒަން ފެށުމުގެ ކުރިން ވަނީ އަނިޔާވެފައެވެ.

ބާސާއިން މިދިޔަ މަހު އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭވަޔަށް އުނދަގޫވެ އަގުއޭރޯ ދަނޑުން ވަނީ ބާލައިފައެވެ. އަދި ދަނޑުން ބާލައިގެން އޭނާ ގެންދިޔައީ ސީދާ ހޮސްޕިޓަލަށެވެ.

ބައެއް ޓެސްޓްތައް ފުރިހަމަ ކުރުމުން އަގުއޭރޯގެ ހިތުގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބާސާއިން އޭރު ބުނެފައި ވަނީ ދެމަސް ދުވަހަށް އަގުއޭރޯ ދަނޑުމަތިން ނުފެންނާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަގުއޭރޯ ބުނެފައިވަނީ އެ ކޮންފަރެންސް ބޭއްވީ އޭނާ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ކެރިއަރު ނިންމާލި ވާހަކަ ބުނަން ކަމަށާއި އެއީ އޭނާގެ ސިއްހަތަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

"އަހަރެން ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާލައިފިން. މި ނިންމުމަކީ އަހަރެންގެ ސިއްހަތަށްޓަކައި ނިންމި ނިންމުމެއް. އެއީ މައިގަނޑު ސަބަބަކީ. އަހަރެންނަށް އޮތީ ނަސޭހަތް ދީފައި ކުޅުން ހުއްޓާލުމަށް،" ރޮވިފައި ހުރެ، ކަރުނަ ފޮހެމުން އޭނާ ބުންޏެވެ.

އަގުއޭރޯ ބުނީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ކުޅުން ހުއްޓާލުމަށް ނިންމި ކަމަށެވެ. އަދި އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި ލިބުނު ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށް ބުންޏެވެ.

"އުމުރުން ފަސް އަހަރުގައި ފުޓުބޯޅަ ކުޅެން ފެށި ހިސާބުން ޕްރޮފެޝަނަލް ކެރިއަރާ ދޭތެރޭ އުންމީދުތަކެއް ކުރިން. އަހަރެންގެ އުމުރުން 18 އަހަރުގައި އެތްލެޓިކޯ މެޑްރިޑުން ހޯދައިދިން އަލިމަގަށް ޝުކުރު ކުރަން. އަދި ސިޓީން އަހަންނަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރިވަން،" އަގުއޭރޯ ބުންޏެވެ.

އަގުއޭރޯ ބުނީ ބާސެލޯނާއަށް އައީ ވަރަށް ފޮނި އުއްމީދުތަކަކާއެކީ ކަމަށެވެ. ނަމަވެސް ބޭނުންވި ކަންކަން ފުރިހަމަނުވެ ދާން ޖެހުނަސް އެ ކްލަބުން ބެހެއްޓި ގާތްކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އަގުއޭރޯ ރިޓަޔާކުރުމުން އޭނާއާ އެކު ކުޅުނު ގިނަ ކުޅުންތެރިންނާއި އޭނާ ކުޅުނު ކްލަބްތަކުގެ އިތުރުން ވާދަވެރި ޓީމުތަކުން ވެސް ވަނީ އޭނާގެ އަގުވަޒަންކޮށް މެސެޖް ކޮށްފައެވެ.

އަގުއޭރޯ ފުޓުބޯޅަ ކެރިއަރު ނިންމާލިއިރު އޭނާ ވަނީ 780 ގޭމު ކުޅެ 427 ގޯލު ޖަހާފައެވެ. އުމުރުން 33 އަހަރުގެ އަގުއޭރޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 184 ގޯލު ޖަހައި އެލީގުގެ އެންމެ ގިނަ ގޯލު ޖެހި ހަތަރު ވަނަ ކުޅުންތެރިޔާގެ ގޮތުގައި ހިމެނިފައެވެ.

އަގުއޭރޯ ވަނީ ކްލަބު ކެރިއަރުގައި ބާސާ އަށް ކުޅުމުގެ ކުރިން އިންޑިޕެންޑިއެންޓޭ އާއި އެތުލެޓިކޯ މެޑްރިގެ އިތުރުން މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައެވެ. އެ ކްލަބުތަކަށް ޖުމްލަ 386 ގޯލު އަގުއޭރޯ ޖަހައިދީފައިވާ އިރު، ގައުމީ ޓީމަށްވެސް އޭނާ ވަނީ 101 މެޗު ކުޅެދީ 41 ގޯލު ޖަހައިދީފައެވެ. އަގުއޭރޯ އަކީ މިއަހަރު އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިއެކެވެ.

މެންޗެސްޓާ ސިޓީގެ ލެޖެންޑް ސާޖިއޯ އެގުއޭރޯ ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގައި ގޯލު ޖެހުމަށްފަހު-

އަގުއޭރޯ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުލަބު ކަމަށްވާ ސިޓީއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ކަމުގެ ރެކޯޑް ހަދާފައިވާ މޮޅު ފޯވާޑެކެވެ.

ޕްރިމިއާ ލީގުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ އަގުއޭރޯ ވަނީ އޭނާ އެ ލީގުގައި ކުޅުނު އެންމެ ފަހު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 66 މިނެޓުގައި އަރާ ސިޓީއަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ.

ސިޓީއަށް ކުޅުނު އެންމެ އިތުބާރު ފޯވާޑް، ކެރިއަރު ނިންމާލިއިރު، އޭނާ ޖަހާފައިވާ ރީތި ގޯލުތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

comment ކޮމެންޓް