ފޯޑެންގެ ތަފާތު މޮޅު ކުޅުމެއް؛ ވޯލްޑްކަޕުގައި އިންގްލެންޑަށް މަދުވީ އޭނާ ތަ؟

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި އެތެންސް ބައްދަލުކުރި މެޗުގައި ފިލް ފޯޑެން--

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އެތެންސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ސިޓީން ކާމިޔާބުކުރި އިރު، އެޓީމުގެ އިނގިރޭސި ފޯވާޑު، ފިލް ފޯޑެން މެޗުގައި ވިދާލައިފިއެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި 40 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާންމުކޮށް ފުރަތަމަ ޓީމުން ފުރުސަތު ލިބޭ ފޯވާޑް އާލިން ހާލަންޑް މި މެޗުގައު ފެނުނީ ބެންޗުންނެވެ.

ސިޓީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލިއޮޓް އެންޑަސަން އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން، ފޯޑެންގެ ފުރަތަމަ ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 0-2 އަށް ބަދަލުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނެޓުގައި އެތެންސްގެ ސްޓެވްރޯސް ޕިލިއޯސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ރަޔާން ޗާކީ ކާމިޔާބުކޮށްދިން ލަނޑާއެކު ސިޓީން އަނެއްކާވެސް ލީޑު ފުޅާކުރިއެވެ.

މެޗުގައި ފޯޑެން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިފައިވަނީ 65 ވަނަ މިނެޓުގައެވެ. އަދި އޭގެ 11 މިނެޓު ފަހުން، މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓް-ޓްރިކް ފުރިހަމަކޮށްފައެވެ.

ފިލް ފޯޑެން މި މެޗުގައި ހެދި ހެޓް-ޓްރިކާއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދުވަނީ 23 އަށް އަރާފައެވެ.

ފޯޑެންގެ މިފަދަ މޮޅު ކުޅުންތަކާއެކު އުފެދޭ ބޮޑު ސުވާލެއް އެބައޮތެވެ. ޖުމްލަ ގޮތެއްގައި މުޅި ވޯލްޑްކަޕުގައި ރަނގަޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތިންވަނަ ހޯދި އިންގްލެންޑު ޓީމުގައި މަދުވީ ފޯޑެން ބާވައެވެ؟ 20 ލަނޑާއެކު މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ޓީމަށް މަދުވީ ފޯޑެން ކަހަލަ، ނަތީޖާ ނެރެން މުހިންމު ދަނޑިވަޅުތަކުގައި ތަފާތު ދައްކާނެ ކުޅުންތެރިއެއް ބާވައެވެ؟

ކޮންމެއަކަސް، ފޯޑެން ވޯލްޑްކަޕުގެ ސްކޮޑުން ބާކީކޮށްލުމުން އެކަން ވެގެންދިޔައީ ވޯލްޑްކަޕަށް އިންތިޒާރުކުރަމުންދިޔަ އެންމެނަށްވެސް ބޮޑު ހައިރާންކަމެއް ގެނުވި ކަމަކަށެވެ. ފޯޑެން ގޮވައިގެން އިނގިރޭސިން ވޯލްޑްކަޕަށް ދިޔަނަމަ ނަތީޖާ ތަފާތުވުމަކީ ހަމަ ގާތް ކަމެކެވެ.

comment ކޮމެންޓް