"ބޮޑު" ދެ ކުލަބު ވެސް ބަލިވެ، މުޅި މެންޗެސްޓާއަށް މާޔޫސްކަން

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން--

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ގަދަ ބާރުގެ ގޮތުގައި މަޝްހޫރު، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ވެސް ރޭ ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ދެވަނަ ހާފުގެ ފަހު ބައި ގަޑިއެއްހާއިރު 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަތުން ބަލިވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވިއިރު މިއީ އެ ޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް މޮޅުވެފައިނުވާއިރު މިއީ ފާއިތުވި 38 އަހަރުތެރޭވެސް އެ ޓީމު މެޗަކުން މޮޅުނުވެ ހޭދަވާ އެންމެ ދިގު މުއްދަތެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުގެ މެތަޔަސް ކުންޔާ، ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ރެފްރީން ނިންމާފައިވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޗެލްސީގެ މޯގަން ރޮޖާސް ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ކުރި ހޯދައިދީފައެވެ.

ޗެލްސީން މި މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 64 ވަނަ މިނިޓުގައެވެ. އެޓީމަށް މި ލަނޑު ޖަހައިދީފައިވަނީ ކޯލް ޕާމާއެވެ.

މިއީ މެންޗެސްޓާ ޔުނައިޓެޑްގެ ލިސާންދްރޯ މާޓީނޭޒްގެ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާއެކު ޗެލްސީއަށް ލިބުނު ޕެނަލްޓީއެކެވެ.

މެޗުގެ ޗެލްސީގެ އެސްޓެވާއޯ ވިލިއަމްސް ވަނީ ޔުނައިޓެޑް ކޮޅަށް ލަނޑެއް ޖަހާފައެވެ. ނަމަވެސް އެ ނިންމުން ރެފްރީ ބަދަލުކޮށްފައިވަނީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުން ޔުނައިޓެޑް ބަލިވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލުގެ 17 ވަނައަށް ވެއްޓިފައެވެ. ޗެލްސީއަށް ނުވަ މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން--

މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުން ބްރައިޓަން އަތުން ބަލިވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗަށް ބްރައިޓަން ނިކުތްއިރު މިދިޔަ ހަފުތާގައި އެ ޓީމު ވަނީ އިނގިރޭސި ކަރަބާއޮ ކަޕުން ކަޓާފައެވެ.

މި މެޗުގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 11 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ މެތިއުސް ނޫނޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޔަސީން އަޔާރީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން މެންޗެސްޓާ ސިޓީއަށްވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައިވީނަމަވެސް ބްރައިޓަންގެ ކީޕަރު ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންއަށް ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް މެކްސިމް ޑެ ކުއިޕާ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ގޯލުކީޕަރު, ޑޮނަރޫމާ ވަނީ މަތަކޮށްފައެވެ.

މި މެޗުން ބްރައިޓަން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ޖުމްލަ 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 21 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލްއަށް ވެސް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނަމަވެސް ސިޓީއަށް ކުރި ލިބިފައިވަނީ ގޯލުގެ ތަފާތުންނެވެ. މިއަދު އާސެނަލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ އާސެނަލްއަށް ކުރި ލިބޭނެއެވެ.

comment ކޮމެންޓް