ކޮވިޑްޖެހި ހާލު ސީރިއަސްވެ އުމަރު ޒާހިރަށް ފަރުވާ ދެނީ

ނިޝާން އިޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑަށް ފައްސިވެ، ހާލު ސީއރިއަސް ވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނީ ---

ކޮވިޑަށް ޕޮޒިޓިވްވެ ކުރީގެ ވަޒީރު އުމަރު ޒާހިރަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމަރު ޒާހިރުގެ ގާތް ބޭފުޅަކު "ސަން"އަށް ވިދާޅުވީ އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން އަންނަނީ އޮކްސިޖަން ގުޅައިގެން ކަމަށެވެ.

އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައެވެ.

މިިދިޔަ ހަފްތާގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން އޭނާ އުޅުއްވީ އާލާސްކަންފުޅާއެވެ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަކީ އުމަރު ޒާހިރުގެ އަމިއްލަ ހަރަދުގައި ބިނާ ކުރެއްވި މިސްކިތް ހުޅުވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އުމަރު ޒަހީރަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނައަކީ ދިވެހި ދައުލަތުން ނިޝާން އިޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދިގު މުއްދަތަކަށް ސަރުކާރަށް އޭނާ ވަނީ ހިދުމަތް ކުރައްވާފައިވެއެވެ. އެގޮތުން، މައުމޫނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވަނީ ފުރުއްވާފައެވެ.

ހަމައެހެންމެ އޭނާއަކީ، ދިވެހި ފުޓުބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވީ އޭނާއެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް 1960ގައި ކުރެއްވި މަސައްކަތްތަކުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ.

ހަމައެހެންމެ، މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރެއްގެ މަގާމުވެސް އުމަރު ޒާހިރު ވަނީ އަދާކުރައްވާފައެވެ. މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު ހިންގުމުގެ މޭސްތެރިއެއްގެ ގޮތުގައި ވެސް އޭނާ ހުންނެވިއެވެ. އަދި ހުޅުމާލޭގެ އިތުރުން ތިލަފުށީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް އޭނާ ވަނީ އެހީތެރިވެދެއްވާފައެވެ.

އުމަރު ޒާހިރު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ.

comment ކޮމެންޓް