"ފެންބޮޑުވާ މައްސަލައަށް ހޯދަނީ ދާއިމީ ހައްލެއް، ފެން ހިންދާ ކެޕޭސިޓީ އިތުރެއް ނުކުރަން"

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ފެންހިންދާ ކެޕޭސިޓީ އިތުރު ކުރާނީ ނޫން ކަމަށާއި އެކަމުގެ ދާއިމީ ހައްލެއްގެ ގޮތުން ބިމުއަޑީގައި ފެން ރައްކާކުރާ ނިޒާމެއް ގާއިމު ކުރާނީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކަށް ޖާމާވާ ފެން، ވީހާވެސް އަވަހަކަށް ހިންދޭނެ ނިޒާމު މީގެ ކުރިންވެސް ގާއިމު ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ފާހަގަ ކުރިއެވެ.

އެހެން ނަމަވެސް މާލޭގައި އިމާރާތްތައް އިތުރުވެ، ދިޔަދޮވިތަކުން މާލޭގެ މަގުމައްޗަށް ފެން ބޭރުކުރާ ގޮތަށް ފަރުމާކޮށްފައި ހުރުމުގެ ސަބަބުން، ފެން ހިންދާ ކެޕޭސިޓީ އަބަދުވެސް އިތުރު ކުރަން ޖެހޭކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ވިއްސާރަ ދުވަސްވަރު ވާރޭ ވެހޭ މިންވަރު އިތުރު ވުމުގެ ސަބަބުން މާލޭގެ މަގުތަކަށް އެެއްފަހަރާ ގިނަ އަދަދަކަށް ފެން ޖަމާވެ، ފެންހިންދާ ނިޒާމަށް ނުތަކާ ހާލަތު މެދުވެރިވާ ކަމަށެވެ.

https://sun.mv/159999

އެހެންކަމުން މިހާރު ބޭނުންކުރާ ފެންހިންދާ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރާނަމަ، އެކަން ކުރަންވާނީ ދިރާސާ ކޮށްގެންކަން ފާހަގަ ކުރަމުން މިނިސްޓްރީން ބުނީ، ފެންހިންދާ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

އެއާ ޚިލާފަށް މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މަގުތަކަށް ޖަމާވާ ފެން ބިމު އަޑީގައި ރައްކާކުރާ ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކް ތަކެއް ގާއިމު ކުރަން ހަމަޖެހިފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ކުރަނީ 2019 ވަނަ އަހަރު ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި ހަމަޖެހިފައިވާ 16.5 މިިލިއަން ޑޮލަރުގެ 'މޯލްޑިވްސް އާބަން ޑިވޮލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް' (އެމްޔޫޑީއާރްޕީ) ބޭނުންކޮށްގެންނެވެ.

https://sun.mv/157771

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު އޮތީ ބިޑު މަރުހަލާގައި ކަމަށެވެ.

comment ކޮމެންޓް