މާލޭގައި ފެންބޮޑުވުމުން، އެ ފެން ބިމު އަޑީގައި ރައްކާ ކުރާނެ ނިޒާމެއް ގާއިމު ކުރަނީ

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ފެންބޮޑުވުމުން، އެ ފެން ބިމު އަޑީގައި ރައްކާ ކުރާނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ފަށައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން މާލޭގައި ފެންބޮޑުވުމުން، ފެން ބިމު އަޑީގައި ރައްކާ ކުރާނެ ނިޒާމެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، އެ މަސައްކަތަށް ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ބަޔަކު ޝައުގުވެރިކަން ފާޅުކޮށް، ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އެ އިއުލާނުގައިވާ ގޮތުން އެ ކޮންސަލްޓަންސީގެ މައިގަނޑު މަގުސަދަކީ، މާލޭގައި ފެންބޮޑުވާ ހިސާބުތައް ހޯދައި ފެންބޮޑުވާ މިންވަރާ ބެހޭ އެކި ކަހަލަ ސާވޭތައް ހަދައި، އެ ފެން ބިމު އަޑީގައި ރައްކާ ކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިން ކުރުމެވެ.

އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ ހަ މަސް ދުވަހެވެ.

އެކަމަށް ޝައުގުވެރިވާ މީހުން، އެ މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ތައުލީމީ ފެންވަރާއި ހުނަރުގެ އިތުރުން އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ޖެހެއެވެ.

އެ މަސައްކަތް ކުރަން އެދި ހުށަހަޅާ މީހުންނަކީ އެ ދާއިރާއިން މަދުވެގެން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބި، ސްޓޯމް ވޯޓާ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން އާބާދީ ބޮޑު އަދި ތޮއްޖެހިފައިވާ ސިޓީ ތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އެ މަސައްކަތާއި ގުޅޭ މައުލޫމާތު ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv ގައި ވަނީ ޝާއިއުކޮށްފައެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ މީހުން މި މަހުގެ 31 ވަނަ ދުވަހުގެ 11:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

comment ކޮމެންޓް