ޝާހު މުއިއްޒުއަށް: ފެން ހިންދާ ޕަމްޕުތައް އެމްޑަބްލިޔުއެސްސީއަށް ބެލެހެއްޓޭ

އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް ބަރާބަރަށް ބަލަަހައްޓަމުން ގެންދާ ކަމަށާއި ޕަމްޕުތައް މަސައްކަތް ކުރޭތޯ ގަވައިދުން ބަލާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ، މާލޭ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް ނުބެލެހެއްޓޭ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، އެ ޕަމްޕުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކުރުމަށް އޭނާ ގޮވާލެއްވި ފަހުންނެވެ.

އެކަމާ ގުޅިގެން ޝާހު "ސަން" އަށް ވިދާޅުވީ މިއަދުވެސް ވާރޭ ވެހުނު ހުރިހާ ގަޑިއެއްގައި ހުރިހާ ޕަމްޕެއް ހުންނާނީ ޖެހިފައި ކަމަށެވެ. އަދި އެއްވެސް ޕަމްޕެއްގައި މައްސަލަ ނޫޅޭ ކަމަށެވެ.

"އެކަމަކު ވާގޮތަކީ ޕަމްޕުތައް ކުޑައީ. އެ ޕަމްޕުތަކަކީ ނުވަ ކިލޯވަޓް އަވާ ގެ ޕަމްޕުތައް. އެހާ ބޮޑަށް ވާރޭ އޮއްސާލީމަ، އެ ޕަމްޕުތައް ކުޑަވުމުގެ ސަބަބުން އެ ޕަމްޕުތަކުން ފެން ބޭރުކޮށްދޭންވާ މިންވަރަށް ފެން ބޭރުކޮށް ނުދެވޭތީ އެ ފެންގަނޑުތައް އުފެދިފަ އެއޮތީ،" ޝާހު ވިދާޅުވިއެވެ.

ފެން ބޮޑުވުމުގެ އެއް ސަބަބަކީ އެއީކަން ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ ސްޓޯމްވޯޓާ ޕަމްޕުތައް ޑިޒައިން ކޮށްފައި ވަނީ ވާރޭ ވެހި، ހުއްޓާލާތާ 3-2 ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިނދޭގޮތަށް ކަމަށެވެ. އެހެންކަމުން އެ ވަގުތުކޮޅުވެސް އަންނާނެ ކަމަށެވެ.

މީގެ އިތުރުން، މި ޑިޒައިންގައި ހުރި މައްސަލައެއްވެސް ޝާހު ފާހަގަ ކުރެއްވިއެވެ. އެއީ ޑިޒައިން ކުރިއިރު، މާލޭގެ ފުރާޅުތަކުން ފައިބާ ފެނަށް ބަލާފައި ނުވުމެވެ.

"މިކަހަލަ ދަނޑިވަޅެއްގަ މަގުމައްޗަށް އެންމެ ގިނަ ފެން އޮއްސާލާނީ ފުރާޅުތަކުން،" ޝާހު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު މާލޭގެ ކާނުތައް ސާފުނުކޮށް ހުރި ދިމަދިމާލުންވެސް ކޮންމެވެސް ވަރަކަށް ފެން ބޮޑުވެފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

"އެމްޑަބްލިޔުއެސްސީން އެއްވެސް ވަރަކަށް ނުބަލަހައްޓަނީއެއް ނޫން. އަޅުގަނޑުމެން ވަރަށް ކޮންސިޑާ ކުރާ ކަމެއް. ވަރަށް ސީރިއަސްކޮށް ބަލާ ކަމެއް،" ޝާހު ވިދާޅުވިއެވެ.

ޕަމްޕުތައް ކުޑަވުމުގެ މައްސަލަ ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ ޕަމްޕުތަކަށް ބަދަލެއް ގެންނަ ނަމަ، އެކަމެއް ކުރާނީ ޕްލޭނިން މިނިސްޓްރީން ބުނާ ގޮތަކަށް ކަމަށެވެ. އެހެންކަމުން ފެން ހިންދުމުގެ ނިޒާމު އަޕްގްރޭޑް ކުރާނަމަވެސް އެ މިނިސްޓްރީން ބުނާ ގޮތަކަށް އެކަން ކުރިއަށް ގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

comment ކޮމެންޓް