ބޮން ގޮއްވާލި ސަބަބު ކިޔައި ދިނުމަށް ފަހު ނަޝީދުގެ ކިބައިން އަދުހަމް މާފަށް އެދިއްޖެ

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލިކަމަށް އެއްބަސްވެފައިވާ އަދުހަމް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ ހަ ވަނަ ދުވަހު ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު، އެކަންކުރި ސަބަބު ކްރިމިނަލް ކޯޓުގައި ކިޔައިދިނުމަށް ފަހު މާފަށް އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި އަދުހަމް ވަނީ އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައެވެ. އަދި އެކަން ކުރެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެ، އޭނާ މާފަށް އެދުނެވެ.

"ރައީސް ނަޝީދު އާއި ހަމަލާގައި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" އަދުހަމް ބުންޏެވެ.

މީގެ އިތުރުން އެފަދަ އަމަލެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ޝަރީއަތުގައި ދިނެވެ.

ތިން ގާޒިންގެ ބެންޗަކުން ބަލަމުންދާ އެ މައްސަލައިގެ އަޑުއެހުންތައް ފެށިގެން ހުކުމާ ހަމައަށް އައިސްފައިވަނީ ސިއްރުކޮއްގެނެވެ. ނަމަވެސް މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

އަޑުއެހުން ފެއްޓެވުމަށްފަހު ރިޔާސަތުގައި އިންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވަނީ، ދައުލަތާއެކު އަދުހަމް ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން ދަމަހައްޓަން ބޭނުންތޯ އައްސަވާފައެވެ.

ޖަވާބުގައި އަދުހަމް ބުނެފައިވަނީ އެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަމަށެވެ.

އެއާއެކު އެއްބަސްވުމާ ފުށު ނާރާ ގޮތަށް އަދުހަމަށް ވަނީ ހުކުމްކޮށްފައެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

އަދުހަމާއި އެކު ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި ކުށަށް އިއުތިރާފްވުމުން އޭނާގަ މައްޗަށް އުފުލާފައިވާ ދެ ދައުވޭއެއް ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ, ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އަދުހަމް 23 އަހަރާއި ހަ މަހާއި ނުވަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް