ރާއްޖޭގެ އެންމެ ފުރަތަމަ ބެޓަރީ ބްރޭންޑް "ވިލާ ފިއުޝަން ބެޓަރީ" ވިލާ ހަކަތައިން ތައާރަފްކޮށްފިއެވެ.
ވިލާގެ މި ޕްރޮޑަކްޓް ބާޒާރަށް ނެރެފައިފައިވަނީ މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގައެވެ.
ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު އާސިލް ނަފީޒް "ސަން"އަށް ވިދާޅުވީ މި ބެޓެރީއަކީ ރާއްޖޭގެ މާކެޓަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ، ފުރަތަމަ ދިވެހި ބެޓެރީ ކަމަށެވެ.
ވިލާއިން މެރިން އެކްސްޕޯގައި ވަނީ ކަނޑުއުޅަނދު ފަހަރުގައި ބޭނުންކުރެވޭ ހަތަރު ސައިޒެއްގެ ބެޓަރީ ތައާރަފްކޮށްފައެވެ. އެގޮތުން 100، 120، 150 އަދި 200 އެމްޕަޔަރުގެ ބެޓަރީ ވަނީ މާކެޓަށް ނެރެފައެވެ.
އާސިލް ވިދާޅުވީ މި ބެޓަރީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ މެރިން މާކެޓާއި ތަޖުރިބާތަކަށް ބެލުމަށްފަހު، އެ ތަޖުރިބާތައް ބޭރުގެ ތަޖުރިބާކާރުންނާ ހިއްސާކޮށްގެން، ރާއްޖޭގެ މާހައުލާ އަދި މާކެޓާ އެންމެ ގުޅޭނެ ގޮތަށް ކަމަށެވެ.
މިއީ މެއިންޓެނަންސް ފްރީ ބެޓަރިއެއް ކަމަށާއި މާކެޓުގައި ހުރި އެހެން ބެޓަރިތަކާ އަޅާ ކިޔާއިރު ވިލާ ފިއުޝަން ބެޓަރީގެ އަގު ހެޔޮވެފައި، ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ރާއްޖޭގެ މާކެޓާ ގުޅޭ އެއްޗެއް، ރާއްޖޭގެ މާކެޓަށް ގެންނަން ވެގެން އަޅުގަނޑުމެން ތައްޔާރުކޮށްފަ އިން އެއްޗެއް، ސްޓްރެންތަށް ބަލާ ކަމުގައި ވަންޏާ މާކެޓުގަ މިހާރު ހުރިހާ އެއްޗެއްސާ ބަލާއިރު ރަނގަޅޭ އަޅުގަނޑުމެން ދަންނަވާނީ،" އާސިލް ވިދާޅުވިއެވެ.
އާސިލް ވިދާޅުވީ ވިލާ ފިއުޝަން ބެޓަރީ މާކެޓަށް ތައާރަފް ކުރުމުގެ ކުރިން ވިލާގެ ވެހިކަލްތަކުގައި އަޅުވައިގެން ޓެސްޓުކޮށްފައިވާ ކަމަށާއި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
މީގެ އިތުރުން މެރިން ބެޓަރީތަކުގެ ނަތީޖާއަށް ބަލައި، ކުރިއަށް އޮތް ތަނުގައި އެއްގަމު އުޅަނދުގައި ބޭނުން ކުރެވޭ ބެޓަރީ ވެސް ބާޒާރަށް ނެރޭނެ ކަމަށް އާސިލް ވިދާޅުވިއެވެ.
މެރިން އެކްސްޕޯގައި ގާއިމްކޮށްފައިވާ ވިލާގެ ސްޓޯލުން މި ބެޓެރީ ގަތުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ.
ވިލާ ފިއުޝަން ބެޓަރީގެ އިތުރުން ވެސް މިި ސްޓޯލުން ދުނިޔޭގެ އެންމެ މަޝްހޫރު ލުބްރިކެންޓް ބްރޭންޑް، ޝެލް ބްރޭންޑްގެ މެރިން މާކެޓާ ގުޅޭ ހުރިހާ އެއްޗެއް ލިބޭނެއެވެ.
އާސިލް ވިދާޅުވި ގޮތުގައި ވިލާގެ ސްޓޯލް ހަދައިފައިވަނީ ތެލުން ފެށިގެން އަޑީތެލުން، އަދި ލަކުޑިއާއި އެހެނިހެން މައުލޫމާތު އެއްތަނަކުން ދީ، ޑިސްޕްލޭ ކޮށްގެންނެވެ. އަދި މިއީ ޒިޔާރަތްކުރާ މީހުންނަށް ބްރޭންޑުތައް ހިޔާރުކުރުމުގައި ފަސޭހަވެގެން ދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.