ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، "މޯލްޑިވްސް މެރިން އެކްސްޕޯ 2021" އަށް ޒިޔާރަތްކުރައްވައިފިއެވެ.
ހުޅުމާލެ ސެންޓަރަލް ޕާކުގައި މިއަދުން ފެށިގެން މި މަހުގެ 15 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.
މި އެކްސްޕޯއަކީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ރައީސް، މޯލްޑިވްސް މެރިން އެކްސްޕޯ 2021އަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސް އަހްމަދު އަފްރާހްއެވެ.
މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި އެކްސްޕޯގައި ދައްކާލާފައިވާ ބައެއް ތަކެތީގެ މައުލޫމާތު ވެސް އެމަނިކުފާނު ވަނީ އައްސަވާފައެވެ.

ރައީސް، މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން އެމަނިކުފާނު ވަނީ އެވެއާނެސް ކެމްޕެއިން ކަމަށްވާ "ލައިފް ޖެކެޓް ވެއަރ އިޓް" މި އެކްސްޕޯގައި އިފްތިތާހްކޮށްދެއްވާފައެވެ.
މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވެއެވެ. އަދި މި އެކްސްޕޯގައި މެރިން ދާއިރާއާ ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުވެސް މި ދާއިރާގެ ގިނަ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

ރައީސް، މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ހަމަ އެއާއެކު މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖައްސާފައިވާ ބައެއް ތަކެތި ދައްކާލައި އެ ތަކެއްޗާއި ބޭހޭގޮތުން ބައިވެރިންނާއި މައުލޫމާތު ހިއްސާ ކޮށްފައެވެ.