ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް -- ސަން ފައިލް ފޮޓޯ

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެލްޖީއޭއިން މި ގޮތަށް ނިންމައިފައިވަނީ އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ފާސް ކުރުމާ ގުޅިގެން، އެޗްޑީސީން އެ މައްސަލަ ބަލައިދިނުމަށް އެދުމުންނެވެ.

އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ރަޖިސްޓްރީ ބާތިލު ކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ގެންދިއުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ 12 ކައުންސިލަރުންގެ އަޣްލަބިއްޔަތުންނެވެ.

އެޗްޑީސީން ހުށައެޅި މައްސަލަ ބެލުމަށްފަހު، އެލްޖީއޭ ބޯޑުގެ މިއަހަރުގެ ތިން ވަނަ ކުއްލި ބައްދަލުވުމުގައި ނިންމައިފައި ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގެ އިންކުއެރީއެއް ހެދުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމައިފައެވެ.

ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވިއިރު ސޮއިކުރައްވައި އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަށްފަހު މާލޭ ސިޓީ ކައުންސިލުން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ޕީޕީއެމަށް ދޫކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުން ފުލުހުން މެދުވެރިކޮށް ހުއްޓުވާފައެވެ.

comment ކޮމެންޓް