ނެޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް: ޑަބަލްސް އިވެންޓުގެ ފައިނަލުން ފަޔާޒާއި ޝާވިނަށް ޖާގައެއް

ގައުމީ ބިލިއާޑް މުބާރާތުގައި ޑަބަލްސް އިވެންޓުގެ ފައިނަލުން ޖާގަ ހޯދި ފަޔާޒާއި ޝާވިން - ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފަހު ޖާގަ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގައެއް ފަޔާޒާއި ޝާވިން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލު މެޗުން މޮޅުވެގެންނެވެ.

ސެމީގައި ފަޔާޒާއި ޝާވިން ނުކުތީ މުހައްމަދު ޝާހިލް ހަމީދާއި އަހުމަދު ނަފީލުގެ ޕެއާއާ ދެކޮޅަށެވެ. މޮޅު ކުޅުމެއް ދައްކައި, އެ މެޗުން ފަޔާޒާއި ޝާވިންގެ ޕެއާ މޮޅުވީ 7-3 ފްރޭމުންނެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލުގައި ފަޔާޒާއި ޝާވިންގެ ޕެއާ ނުކުންނާނީ އަހުސަން ހާޝިމާއި އައްބާސް ސައީދުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް