ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި

ރައީސް ސޯލިހު: ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލް މިއަދު ވަނީ ތަސްދީގުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މިއަދު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ބިލް ތަސްދީގުކުރައްވާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ އެކު އެ އޮތޯރިޓީން ދެމުންދިޔަ ހިދުމަތްތައް ދެން ދެމުން ދާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުން ވެސް މިނިސްޓްރީގެ ދަށަށް ބަދަލުވާނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން ދިނުމަށް ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، އަދި އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، ވެސް ބަދަލުވާނީ މިނިސްޓްރީގެ ދަށަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުން ހުށަހެޅީ, އެ އޮތޯރިޓީއާ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާއި ފުށުއެރުންތަކެއް ހުރުމުން ކަމަށް ސަރުކާރުން އޭރު ވަނީ ބުނެފައެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ދޫކޮށްލެވިއްޖެ ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށެވެ. އަދި މި ސަރުކާރުން އެ ދިމާލަށް މަސައްކަތްކުރާނެ ކަމަށެވެ.

comment ކޮމެންޓް