ނެޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް: ޑަބަލްސް އިވެންޓްގެ ފައިނަލަށް އަހުސަނާއި އައްބާސް

ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގައި އައްބާސް ވާދަކުރަނީ — ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލަށް އަހުސަން ހާޝިމާއި އައްބާސް ސައީދުގެ ޕެއާ ދަތުރުކޮށްފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލުން އަހުސަނާއި އައްބާސްގެ ޕެއާ ޖާގަ ކަށަވަރުކުރީ އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅެއް ހޯދައިގެންނެވެ.

އިއްޔެ ކުޅުނު މެޗުގައި އަހުސަނާއި އައްބާސްގެ ޕެއާ ނުކުތީ އަހުމަދު ނަފީލާއި މުހައްމަދު ޝާހިލް ހަމީދުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން އަހުސަނާއި އައްބާސް މޮޅުވީ 7-5 ފްރޭމުންނެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލުގައި އަހުސަނާއި އައްބާސްއާ ދެކޮޅަށް ނުކުންނަ ޕެއާއެއް ކަށަވަރުވާނީ މިއަދު ހަވީރު 4:30 ގައި ކުޅޭ ސެމީ ފައިނަލުގެ މެޗަށްފަހުއެވެ. އެ މެޗުގައި ސާހިލް އާއި ނަފީލްގެ ޕެއާ ނުކުންނާނީ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާއާ ދެކޮޅަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް