އެންސިސްގެ ހުޅުމާލެ ކޭނިން ފެކްޓަރީއަށް މިއަދު ދެ އަހަރު ފުރިއްޖެއެވެ.
ހުޅުމާލޭގައި އެންސިސްއިން ކޭނިން ފެކްޓަރީއެއް ހުޅުވައިފައި ވަނީ 2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.
އެންސިސްއިން ވަނީ 25 މިލިއަން ޑޮލަރު ހޭދަކޮށްގެން، ހުޅުމާލޭގައި ހެދި މި ފެކްޓްރީން އަންނަނީ ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރަމުންނެވެ. އަދި ތަފާތު އެކި ބާވަތްތަކުގެ މަސް ބަންދުކޮށް، އެކި ރަހަތަކުގެ މަސްދަޅު ތައާރަފްކޮށް، އައީ ރާއްޖެއިން ބޭރަށް ވިއްކަމުންނެވެ.
މި ދުވަހާ ގުޅިގެން އެންސިސްގެ މެނޭޖިން ޑިރެކްޓާ ވާހިދު އަބްދުލް ތައުފީގު ވިދާޅުވީ އަމިއްލަ ގައުމުގެ ހިތްވަރުގަދަ ހީވާގި މަސްވެރިން ކުރާ މިންނަތް މަސައްކަތުގެ އަގުވަޒަން ކޮށް، އެ މަހުން ރާއްޖޭގައި މަސްދަޅު ބަންދުކޮށްގެން ރާއްޖެއިން ބޭރަށް ފޮނުވައި ވިއްކުމަކީ ދިވެހި މަސްވެރީންނާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އެންސިސް ކޭނިން ފެކްޓަރީގައި ބަންދުކޮށްފައިވާ ދަޅުތަކެއް--
ހަމައެހެންމެ އެންސިސް ކޭނިން ފެކްޓަރީގެ އެންމެ ބޮޑު އަމާޒަކީ މަހުގެ އެއްވެސް ބާވަތެއް ބޭކާރު ނުކޮށް، ހުރިހާ ބާވަތަކުން އެކި ރަހަތަކުގެ މަސްދަޅު އަދި މަހުގެ ބާވަތްތައް ހެދުން ކަމަށް ވެސް އެންސިސްއިން ބުނެއެވެ.
ހުޅުމާލޭ އެންސިސް ފެކްޓަރީގައި އަންނަނީ ހަ ވައްތަރެއްގެ މަސްދަޅު އުފައްދައި ބަންދުކުރަމުންނެވެ. އެއީ:
- ޓޫނާ ކޭން އިން އޮއިލް
- ޓޫނާ ކޭން އިން ބްރައިން
- ޓޫނާ އިން ޗިލީ ސޯސް
- ލައިޓްލީ ސްމޯކްޑް ޓޫނާ އިން ސަންފްލާވާ އޮއިލް
- ޓޫނާ ސްޓީކް އިން ސަންފްލާވާ އޮއިލް
- ވެންޓްރެސްކާ އިން ސަންފްލާވާ އޮއިލް
އެންސިސްއިން އިތުރަށް ބުނީ ކޭނިން ފެކްޓަރީގައި ފާއިތުވީ ދެ އަހަރު ތެރޭގައި އުފެއްދި މަހުގެ ބާވަތްތަކަށް ރައްޔިތުންގެ ތަރުހީބު ލިބޭ ކަމަށެވެ.

އެންސިސް ސްޓޯލް--
މި އަހަރުގެ މަސްވެރީންގެ ދުވަހާ ގުޅިގެން ގާފަރުގައި ކުރިއަށް ދާ ފިޝަރީޒް އެކްސްޕޯގައި ވެސް ވަނީ އެންސިސްގެ ސްޓޯލެއް ގާއިމްކޮށްފައެވެ. މި ސްޓޯލުގައި ކުރިއަށްދާ ލަކީ ޑްރޯގައި ބައިވެރިވެގެން ތަފާތު އެކި ހަދިޔާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް އޮންނާނެއެވެ.