ޗެމްޕިއަންސް ލީގުގައި ރޭ ރަޝިއާގެ ޒެނިޓް ޕީޓާސްބާގްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ގުރޫޕުގެ ދެވަނައިގެ ގޮތުގައި ގަދަ 16 އިން ޖާގައެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ޗެލްސީއަށް ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުން ފުރުސަތު ހޯދި ޔުވެންޓަސް ވަނީ ރޭ މަލްމޯ ބަލިކޮށް 15 ޕޮއިންޓް ހޯދައިފައެވެ. އެ ގުރޫޕުން ތިންވަނައިގެ ގޮތުގައި ޔޫރޮޕާ ލީގަށް ދަތުރުކުރި ކުރީ ފަސް ޕޮއިންޓާ އެކު ޒެނިޓްއެވެ.
ރޭގެ މެޗުން މޮޅުވެ، ޗެލްސީއަށް އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދާން ފުރުސަތު އޮތް އިރު، އެ ޓީމުން އެ މެޗުގައި ދެފަހަރަކަށް ލީޑު ނެގުމުން ވެސް އިދިކޮޅު ޓީމުން ވަނީ އެއްވަރުކޮށްފައެވެ.
އެގޮތުން ޗެލްސީން މެޗުގެ ދެވަނަ މިނަޓުގައި ޓީމޯ ވާނާގެ ގޯލުން ނެގި ލީޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ގެއްލިފައެވެ. ކްލޯޑިއާ ޖަހައިދިން ގޯލާއެކު ޒެނިޓުން ނަތީޖާއެއްވަރު ކުރި އިރު، އެ ހާފު ނިމެންދަނިކޮށް ސަރްދާރް އަޒްމޯންގެ ގޯލުން ޒެނިޓް ވަނީ މެޗުގައި ލީޑު ވެސް ނަގައިފައެވެ.
ދެވަނަ ހާފު ފަށައިގެން ޗެލްސީއިން ކުޅުން ރަނގަޅުކޮށް ރޮމެލޫ ލުކާކޫ ޖަހައިދިން ގޯލަކާއެކު ލަނޑެއް ޖަހައި އަނެއްކާވެސް މެޗުގެ ތެރެއަށް ވަތް އިރު، ޓީމޯ ވާނާގެ އިތުރު ގޯލަކާއެކު ލީޑު ވެސް ނެގިއެވެ. އެހެން ނަމަވެސް ޗެލްސީއަށް ލީޑު ގެއްލުނީ މެޗުގެ އިތުރު ވަގުތުގައި އިދިކޮޅު ޓީމުގެ މަގޮމެދް އޮޒްދޮއެވް ޖަހައިދިން ގޯލުންނެވެ.
އެ ގުރޫޕުގައި ދެން އޮތް ޔުވެންޓަސްއާއި މަލްމޯ ބައްދަލު ކުރި މެޗުން ޔުވެންޓަސް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ގޯލު މެޗުގެ 18 ވަނަ މިނަޓުގައި ޖަހައިދިނީ މޮއިސް ކީންއެވެ.
މީގެ އިތުރުން ރޭ ޗެމްޕިއަންސް ލީގުގެ ރެކޯޑް ގޯލްސްކޯރާ، ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މެޗުގައި ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައި އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.
މެޗުގެ ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މޭސަން ގްރީންވުޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަބިއަން ރެއިޑާ ވަނީ ޔަންގް ބޯއީސް އަށް އެއްވަރުކޮށްދީފަ އެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑްގެ އާ ކޯޗު ރަލްފް ރަންގްނިކްގެ ކޯޗުކަމުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެެވެ.