ބަޔާން އަތުން ބަލިވެ ބާސެލޯނާ 21 އަހަރުތެރޭ ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގަށް

ބާސެލޯނާއާއި ބަޔާން ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 0-3 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަޔާން މިއުނިކް އަތުން ބަލިވެ، އެ މުބާރާތުގައި 21 އަހަރު ވަންދެން ގަދަ 16 ގައި ހިމެނުނު ބާސެލޯނާ ކަޓައިފިއެވެ.

ބަޔާންގެ އެލަޔަންޒް އެރީނާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ބާސެލޯނާގެ މައްޗަށް ހޯމް ޓީމު ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު ބަޔާން ވަނީ ގުރޫޕުގެ އެއްވަނަ ހޯދައިފައެވެ. އެ ގުރޫޕުން ދެވަނަ ހޯދީ ރޭ ޑައިނަމާ ކިއެވް އަތުން މޮޅުވެގެން އަށް ޕޮއިންޓް ހަމަކުރި ބެންފީކާއެވެ.

ބާސެލޯނާއާއި ބަޔާން ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 0-3 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާއަށް ރޭގެ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ކޮންމެހެން ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. އެކަމަކު ރޭގެ ބައްޔާއެކު އެ ޓީމަށް ލިބުނު ހަތް ޕޮއިންޓާއެކު ބާސެލޯނާއަށް މި ސީޒަނުގައި ޔޫރޮޕުގެ ޖާގައެއް ދެން ލިބޭނީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވާ ޓީމުތަކާއި، އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައި އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ މެދުގައި ކުޅެވޭ ޔޫރޮޕާ ލީގުންނެވެ.

ރޭގެ މެޗު ފަށައިގެން ވެސް މޮޅަށް ކުޅުނު ބަޔާނުން ރަނގަޅު ހަމަލާތަކެއް މެޗުގެ ކުރީކޮޅު އުފެއްދި އިރު، ބާސެލޯނާގެ ވިންގަކަށް ކުޅެމުން އަންނަ ޖޯޑީ އަލްބާއަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ވަނީ އޭނާ ބަދަލުކުރަން ޖެހިފައެވެ. އެ ބަދަލަށްފަހު މާގިނައިރު ތަކެއް ނުވަނީސް ރޮބާޓް ލެވަންޑޮސްކީ ނަގައިދިން ހުރަހަކުން ތޯމަސް މުލާ ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން 43 ވަނަ މިނަޓުގައި ކުރިން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅުނު ބަޔާންގެ ފޯވާޑް، ލެރޮއީ ސާނޭ ވަނީ ނުހަނު ދުރުން ގޯލަށް އަމާޒު ކޮށްލި ބާރު ހަމަލާއަކާ އެކު ހިތްގައިމު ގޯލެއް ޖަހައިފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލި ބަޔާންއަށް ދެވަނަ ހާފުގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު، ބާސެލޯނާއަށް އެ މެޗުގައި މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެ ހާފުގައި ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އަރަމުން އަންނަ ޒުވާން ތަރި ޖަމާލް މުސިއާލާއެވެ.

ބާސެލޯނާ ނެތި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅުނީ 2003/2004 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު ބާސެލޯނާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއެވެ. ފަސް ފަހަރު ތަށި ހޯދާފައިވާ ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅެ، ނޮކައުޓް ބުރަށް ނުގޮސް އެންމެ ފަހުން ކެޓީ 2000/2001 ވަނަ ސީޒަނުގައެވެ.

comment ކޮމެންޓް