ހުޅުމާލެ އަތުލީ ގާނޫނާ ހިލާފަށް، ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކުރާނަން: އެޗްޑީސީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޑީސީގެ ހުއްދަ ބާތިލުކޮށް، ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލު ކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށާއި އެ މައްސަލައިގައި ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

މި ކަމާ ގުޅިގެން އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ބިމަކީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ހިއްކައިފައިވާ އަދި އެ ކޯޕަރޭޝަނަށް ރެޖިސްޓްރީކޮށްދީފައިވާ ބިމެއް ކަމަށެވެ.

ކަންއެހެން އޮތްއިރު، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން މިކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާ ބެހޭ ގާނޫނާ ހިލާފަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނާތަހުޒީބީ ނިންމުމެއް ކަމަށް އެޗްޑީސީން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ގާނޫނުގައިވާފަދައިން ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ގެ ބިން ވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެޗްޑީސީގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައި ކަމަށެވެ.

"ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެ ބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައިވުމެވެ. އަދި، ހަމަ މިގާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ގާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ގާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަމެވެ." އެޗްޑީސީން ބުނެފައިވެއެވެ.

ހަމައެހެންމެ ގާނޫނުގައި ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަން ފާހަގަކޮށް އެޗްޑީސީން ބުނީ ސިޓީ ކައުންސިލުން ވަނީ ގާނޫނުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގެންފައިކަމަށެވެ.

ހަމައެހެންމެ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާ ގުޅިގެން އެޗްޑީސީއަށް ލިބިފައިވާ އެންމެހައި ހައްގުތައް ނިގުޅައިގަތުމުން، ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ރަޖިސްޓްރީ ބާތިލު ކޮށް މާލެ ސިޓީގެ ދަށަށް ގެންދިއުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައެވެ.

ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ 12 ކައުންސިލަރުންގެ އަޣްލަބިއްޔަތުންނެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ، އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލުން ދެބަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް