ވިނަރެސް ފްލެޓުތައް ވިއްކުމުގައި އިސްކަން ދޭނީ މާލޭގެ ރައްޔިތުންނަށް: ހައުސިން މިނިސްޓްރީ

ވިނަރެސް މަޝްރޫއުގެ ކޮންސެޕްޓު --- ފޮޓޯ/ އެޗްޑީސީ

ވިނަރެސް ފްލެޓުތައް ވިއްކުމުގައި އިސްކަން ދޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން"އަށް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އިތުރުން މަލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ އަތޮޅު ތެރޭގެ ރައްޔިތުންނަށްވެސް ހާއްސަކޮށް ވަކި އަދަދަކަށް ވިނަރެސް ފްލެޓުތައް ދޭނެ ކަމަށެެވެ.

"ވިނަރެސް ފްލެޓަށް ކުރިމަތިލެވޭ ކްރައިޓީރިއާ ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން ލަފާ ކުރާ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައިއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

މިހާތަނަށް ވިނަރެސް ފްލެޓުތައް ގަންނަން ފުރުސަތު ދީފައިވަނީ ތިން ފަރާތަކެށެވެ. އެއީ ހިޔާ މަޝްރޫއުގެ ދަށުން ފަންނީ ކެޓަގަރީތަކުން ފްލެޓު ލިބުނު މީހުންގެ ތެރެއިން ވިނަރެސްއަށް ބަދަލުވާން ބޭނުންވާ މީހުން، ސީލައިފްއިން ފްލެޓު ގަތް މީހުން އަދި ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނެވެ.

comment ކޮމެންޓް