ވެމްކޯއިން 29 ޒުވާނުން ތަމްރީނު ކުރަނީ

ވެމްކޯއިން 29 ޒުވާނުން ތަމްރީނު ކުރުމަށް އެއްބސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ވެމްކޯ

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ހާއްސަ އެޕްރެންޓެސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އެގޮތުން ވެމްކޯއިން ވަނީ ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އެކަމާ ގުޅިގެން އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ވެމްކޯގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

އެ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ ދަށުން 29 ޒުވާނުން ތަމްރީނުކުރާނެއެވެ.

މި ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކަށް ފެތޭ ގޮތަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ޒުވާނުން ތަމްރީނުކުރާނީ ކުރިމަތިލާފައިވާ ދާއިރާއަކާ ގުޅޭ ގޮތުން އަމަލީ ތަޖުރިބާ ވެސް ދީގެންނެވެ. މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭނެއެވެ.

ވެމްކޯއިން ޒުވާނުން ތަމްރީނު ކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ތިނެކުން ކޭޝިއަރިން އާއި، ވެލްޑިން ޓެކްނިކްސްގެ އިތުރުން އިންވެންޓަރީ މެނޭޖްމަންޓެވެ.

ހަމައެއާއެކު ހެވީ ވެހިކަލް އޮޕަރޭޝަންސް، މެރިން މެކޭނިކްގެ އިތުރުން އޮޓޯމޯޓިވް މެއިންޓެނަންސްގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރާނެއެވެ.

ވެމްކޯއިން ޒުވާނުން ތަމްރީނު ކުރާ ދާއިރާތައް ---

މި ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް އަމަލީ ތަޖުރިބާ ހޯދުމަށް ވެމްކޯގެ ސެންޓަރުތަކުގައި މަސައްކަތްކުރާ ދުވަސްތަކަށް 5،000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމުން ވެމްކޯއިން ވަޒީފާގެ ފުރުސަތު ވެސް ފަހިވާނެއެވެ.

ވެމްކޯއިން ބުނީ އެ ކުންފުނީގެ އުންމީދަކީ އެ ޕްރޮގްރާމްގެ ތެރެއިން ވަޒީފާގެ ބާޒާރަށް ހުނަރުވެރި ޒުވާނުންތަކެއް އުފެދުން ކަމަށެވެ.

comment ކޮމެންޓް