ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވެކްސިން ޖެހިކަމުގެ ލިޔުން ދޭކަން އެނގިފައި ނުވާ ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފިއެވެ.
ކޮވިޑް ވެކްސިން ނުޖަހާ މީހުން 1,500 ރުފިޔާ ދީގެން ވެކްސިން ޖެހި ކަމުގެ ކާޑް އެޗްއީއޯސީ ތެރޭން ހޯދާ މައްސަލަ "ސަން" އިން ވަނީ ބަލައިފައެވެ. އެމީހުން ވެކްސިން ޖެހިކަމަށް ހެލްތުގެ ވެބްސައިޓުން ވެސް ދައްކައެވެ. މިކަން ކުރަމުން އަންނަނީ ސިއްހީ ދާއިރާގެ ތެރެއިންކަން "ސަން"އަށް ވަނީ އެނގިފައެވެ.
އެކަން "ސަން" އިން ރިޕޯޓް ކުރުމާ ގުޅިގެން، ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާނު މިއަދު ވިދާޅުވީ، ފޭކް ވެކްސިން ކާޑުތަކެއް ހެދި މައްސަލައެއް ސަމާލުކަމަށް އައި ކަމަށާއި ނަމަވެސް ސިސްޓަމްގެ ތެރެއިން ވެކްސިން ޖެހި ކަމަށް ބަދަލު ކުރާކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް އަދި ހުށަހެޅިފައެއް ވެސް ނެތް ސިސްޓަމްގެ ތެރެއިން [ވެކްސިން ނުޖަހަނީސް ޖެހިކަމަށް] ބަދަލު ކުރާކަމެއް،" ތަސްލީމާ ވިދާޅުވިއެވެ.
ވެކްސިނާ ދެކޮޅު ހަދާ ބަޔަކު ރާއްޖޭގައި ވެސް އުޅެއެވެ. އެ މީހުން ބުނާގޮތުގައި ވެކްސިނަކީ ފައިދާއެއް ނެތް އަދި ގެއްލުން ހުރި އެއްޗެކެވެ.
ކޮވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ. ކޮވިޑް ވެކްސިން ޖަހަން ޖެހޭ ސަބަބުތަކުގެ ތެރޭގައި އެ ނުރައްކާތެރި ވައިރަހަށް ތިމާގެ ހަށިގަނޑު ރައްކާތެރި ކުރުމުގެ އިތުރުން އެހެން މީހުން ރައްކާތެރި ކުރުން ވެސް ހިމެނެއެވެ. ބަލި ފެތުރުނަ ނުދިނުމަށެވެ. މިގޮތަށް އެއްވެސް ޑޯޒެއް ނުޖަހައި، ވެކްސިން ޖެހި ކަމުގެ ލިޔުން ހޯދައިގެން ދަތުރު ކުރަން ފެށުމުން ކޮވިޑް މެނޭޖު ކުރަން ހުރަސްއެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭން 395،956 މީހުން ވަނީ ކޮވިޑްގެ ވެކްސިން ޖަހައިފައެވެ. އޭގެ ތެރެއިން 364،692 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު 15،850 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.