ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ފަޔާޒް ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ހުސައިން ފަޔާޒް -- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ފަޔާޒް ހޯދީ ރޭ ކުޅުނު އެ ޑިވިޝަންގެ ފައިނަލް މެޗުން މޮޅުވެގެންނެނެވެ.

ފައިނަލް މެޗުގެ ކުރިން އެމްޕީބީއޭ ރޭންކިންގެ ދެވަނައިގައި އޮތް ފަޔާޒް ވަނީ އިއްޔެ ހަވީރު ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ސެމީގައި ފަޔާޒް ނުކުތީ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާ ދެކޮޅަށެވެ. އެ މެޗު އެ މެޗު 6-9 ފްރޭމުން ކާމިޔާބުކޮށް، ފަޔާޒް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ރޭ ކުޅުނު ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ފަޔާޒް ނުކުތީ ރޭންކިންގެ ހަވަނައިގައި އޮތް މުހައްމަދު ޝާހިލް ހަމީދާ ދެކޮޅަށެވެ. ޝާހިލްއަކީ އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. އަދި ރޭގެ ފައިނަލަކީ އޭނާގެ ކެރިޔަރުގެ ފުރަތަމަ ފައިނަލެވެ. އެ މެޗު 7-11 ފްރޭމުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ފަޔާޒެވެ.

އެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލާއި އަންހެން ޑިވިޝަންގެ ފައިނަލު މެޗު ވެސް ރޭ ކުޅުނެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުގައި އަލީ ޝާވިން އަތުން 7-11 ފްރޭމުން މޮޅުވެ، އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލުގައި އަންހެނުންގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާ އަތުން 7-4 ފްރޭމުން މޮޅުވެ، އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް