ޔޫރޮޕުގެ އެންމެ ކާމިޔާބު އެއް ކުލަބުގެ ގޮތުގައި ބެލެވިފައި އޮތް ސްޕެއިނުގެ ބާސެލޯނާ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކެޓީ މީގެ 20 އަހަރު ކުރިންނެވެ. އޭގެ ފަހުން އެތަކެއް ތަށްޓެއް ހޯދައި، މުޅި ޔޫރޮޕް ވެސް ޑޮމިނޭޓް ކުރި ބާސެލޯނާއަށް މިހާރު ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕުން ކަޓާފާނެ ކަމުގެ ބިރު ބޮޑުވެފައެވެ.
އެންމެ ޝަރަފުވެރި ކުލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު މީގެ ކުރިން ފަސް ފަހަރަކު ކާމިޔާބު ކުރި ބާސެލޯނާ ވޭތުވެ ދިޔަ އަހަރުތަކުގައި ހޯދި ބޮޑެތި ކާމިޔާބީތަކާއެކު ބެލެވިފައި އޮތީ ޔޫރޮޕުގެ ގަދަބާރެއްގެ ގޮތުގައެވެ. އެކަމަކު މި ސީޒަނުގައި އެ ޓީމުގެ ފަރާތުން ފެންނަމުން އަންނަ ދަށް ކުޅުމާއެކު މިވަގުތު ޓީމު އޮތީ ޗެމްޕިއަންސް ލީގުން ކެޓުމުގެ ތުންފަތް މަތީގައެވެ.
ބާސެލޯނާއަށް މިފަހަރުގެ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް އޮތީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދެވެން އޮތީ ހަނި ފުރުސަތެކެވެ. އެއީ މިވަގުތު އެންމެ ފޯމުގައި އޮތް ބަޔާން މިއުނިކުގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށްގެންނެވެ. އެހެން ނަމަވެސް ފަހުގެ ތާރީހުތަކުގައި މި ދެކުލަބުގެ ކުރިމަތިލުމަށް ބަލައި، އެކަން ކުރުމަކީ ބާސެލޯނާއަށް ވާނޭ ކަމެއް ކަމަށް ގަބޫލު ކުރުމަކީ ވެސް ދަތިކަމެކެވެ.
އެގޮތުން އެންމެ ފަހުން މި ދެ ޓީމުގެ ކުރިމަތިލުމުގައި ބާސެލޯނާގެ ހޯމްގައި ބަޔާނުން ވަނީ އެ ޓީމު ކޮޅަށް ތިން ގޯލު ޖަހައިފައެވެ. މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ބަޔާން ކޮޅަށް ބާސެލޯނާއިން އަމާޒުކޮށް ޝޮޓެއް ވެސް ހަދައި ނުލެވުން އެ މެޗުގައި ބަޔާންގެ ފެންވަރު އިނގިގެން ދިޔައިރު، މިދިޔަ އަހަރު ކުޅުނު މެޗުގައި ބާސެލޯނާއަށް ވަނީ ތާރީހުގައި ވެސް އެންމެ ބޮޑު އެއް ބައްޔާ ކުރިމަތިލާން ޖެހިފައެވެ. އެއީ 2-8 އިން ބާސެލޯނާ ބަލިވި މެޗެވެ.
ބާސެލޯނާއިން މިފަަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތް އިރު، ބަޔާން މިއުނިކް އަތުން ބަލިވެގެން ދެން އޮތް ބުރަށް ދެވޭނެ ގޮތެއް އެބައޮތެވެ. އެއީ ބެންފީކާ އަތުން ޑައިނަމޯ ކިއެވް މޮޅުވެއްޖެ ނަމަ އެކަންޏެވެ. އެކަމަކު ޑައިނަމޯއަށް ފަސް މެޗުން އެއް ޕޮއިންޓް ލިބިފައި އޮތުމާއެކު އެކަމަކީ ވެސް ނުވުން ގާތް ކަމެކެވެ.
އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ބާސެލޯނާ ކެޓި އިރު، ޓީމުގެ ކެޕްޓަނަކަށް ހުރީ ބާސެލޯނާއަށް ކޯޗުކަން ކޮށްދިން ޕެޕް ގާޑިއޯލާއެވެ. އެ ފަހަރުގެ މުބާރާތުގައި ބާސެލޯނާ ލައްވާލީ އޭރު ދުނިޔޭގެ ޓޮޕް އޭސީ މިލާނާ އެއް ގުރޫޕަކަށެވެ. ދެން އެ ގުރޫޕުގައި އޮތީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނައިޓެޑާއި ޕޯޗުގަލްގެ ބެސިކްޓަސްއެވެ.
އެގުރޫޕުގެ އެއްވަނަ މިލާނުން ފަސޭހަކަމާއެކު ހޯދި އިރު، މުޅި ދުނިޔެ ހައިރާންކޮށްލައި ދެވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރީ ލީޑްސްއެވެ. ބާސެލޯނާ ދިޔައީ ތިންވަނައަށެވެ.