މިދިޔަ ޓްރާންސްފާ މާކެޓުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއާ ގުޅުނު ލިއޮނެލް މެސީއަށް އެކުލަބުގައި ނުކުޅެވިގެން އުޅެނީ ޕެރިސް ފިނި ވީމަ ކަމަށް އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި ކުރީގެ ޓީމް މޭޓް، ލުއިސް ސުއަރޭޒް ބުނެފިއެވެ.
ބާސެލޯނާއާއެކު މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދި މެސީ ޕީއެސްޖީއާ ގުޅުމަށްފަހު ލީގު ދެބައިވާން ކައިރިވި އިރު، މިހާތަނަށް ފްރެންޗް ލީގުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ. އަދި އޭނާ މީގެ ކުރިން ހާއްސަ ކަމެއް ދީގެން އެންމެ ބޮޑަށް ހުނަރު ދައްކަމުން އަންނަ ޗެމްޕިއަންސް ލީގުގައި ވެސް މިފަހަރު ޖެހުނީ ތިން ގޯލެވެ.
މެސީގެ ރައިވަލް ކުޅުންތެރިން މި ސީޒަނުގައި ގިނަ ގޯލުތަކެއް ޖަހާފައިވާ އިރު، މެސީއަށް އެ އަދަދާ ގާތް ކުރާ ވަރަށް ވެސް ގޯލުތައް ޖެހިފައި ނުވުމުން ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވާން ފަށައިފައެވެ. އަނެއްކޮޅުން މި އަހަރުގެ ބެލަންޑޯ އެވޯޑް މެސީއަށް ލިބުމާއެކު އޭގެ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފައެވެ.
މެސީއާ ބެހޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ބާސެލޯނާގައި އޭނާއާއެކު ކުޅެ، މެސީއަށް އެންމެ ގިނަ އެސިސްޓް ހަދައިދިން ސުއަރޭޒް ބުނީ މެސީއަށް ޕީއެސްޖީގައި ކުޅެން އުނދަގޫވަނީ މާހައުލުގެ ސަބަބުން ކަމަށެވެ.
"އަހަރެން މެސީ އާ ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކަން. މެޗުތަކާ ބެހޭ ގޮތުންނާއި އާއިލާއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވޭ. މެސީ ބުނީ ފިނީގައި ކުޅެން ޖެހުމުން އޭނާއަށް ވަރަށް އުނދަގޫ ކަމަށް،" ޓީއެންޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުންޏެވެ.
ސުއަރޭޒް ބުނީ މެސީއަށް ސްނޯގައި ކުޅެން އުނދަގޫވާކަން އޭނާ އަބަދުވެސް ބުނާ ކަމަށާއި، ޕެރިހުގެ ފިންޏަށް ހޭނެން މެސީއަށް ދުވަސް ބޭނުންވާ ކަމަށެވެ.
ބާސެލޯނާއަށް ކުރިން ކުޅުނު ނޭމާ ޖޫނިއާ ވެސް ކުޅެމުން އަންނަ ޕީއެސްޖީގައި ވޯލްޑް ކްލާސް ގިނަ ކުޅުންތެރިންތަކަށް ތިބި ނަމަވެސް، މި ސީޒަނުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.