ޕާކިން ސްލޮޓުގެ މައްސަލަ އޭސީސީއަށް

ކާރާއި ޕިކަޕަށް ހާއްސަ 211 ޕާކިން ސްލޮޓަށް ގުރުއަތު ނެގުމުގެ ތެރެއިން-- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މާލޭގެ 10 ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވެއެވެ.

ޕާކިން ސްލޮޓުތަކަށް މީހުން ހޮވުމަށް ބޭއްވި ގުރުއަތު ނަގައިފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ އޮފިޝަލަކު ވަނީ މައްސަލަ އެ ކޮމިޝަނަށް މިއަދު ހުށަހެޅިކަން ކަށަވަރުކޮށްދެއްވައިފައެވެ.

ގުރު ނެގުމަށް ބޭއްވި ކުޑަ ރަސްމިއްޔާތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ޕާކިން ސްލޮޓަށް ކުރިމަތިލީ އެންމެނަށް ވެސް ކުރިމަތިލުމުން ސްލިޕެއް ދީފައިވާނެ ކަމަށެވެ.

ގުރު ނެގުމުގައި ބޭނުންކޮށްފައި ވަނީ މި ސްލިޕް ނަންބަރެވެ. މިގޮތަށް ހިޔާރުކުރީ އެއް އައިޑީ ކާޑު ނަންބަރުން އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލަށް ލައިފައިވުމުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އެހެން ވިދާޅުވެފައިވީނަމަވެސް ގިނަ ބަޔަކު ވަނީ ޕާކިން ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން ދިން ސްލިޕުގައި، ސްލިޕް ނަންބަރެއް އަދި ފޯމު ނަންބަރެއް ވެސް ނެތް ކަމަަށް ބުނެ ޝަކުވާކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސިޓީ ކައުންސިލުން ފުރަތަމަ ދޫކުރި ސްލިޕްތަކުގައި ނަންބަރު ޖަހައިފައިނުވެއެވެ. އެހެންނަމަވެސް ފަހުން ދޫކުރި ސްލިޕްތަކުގައި ވަނީ ނަންބަރު ޖަހައިފައެވެ.

އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ފޯމު ހުށަހެޅި އެންމެންނަށް ސްލިޕް ނަންބަރެއް ދީ، ގުރުއަތުން ހޮވުނު މީހުންގެ ލިސްޓެއް އާންމުކޮށްފައެވެ.

comment ކޮމެންޓް